ލ ފޮނަދޫ ވަލުތެރޭ ޖިނާއީ ކުށްތަކެއް ހިންގަމުން ދިޔަ ގެއެއް އެ ރަށު ކައުންސިލުން ނަގާ ރޫޅާލައިފިއެވެ.
ފުލުހުން ބުނީ ލ ފޮނަދޫ ކުރިމަގު ވަލުތެރޭގައި އަޅާފައިވާ މި ގެއަކީ ރޯދަމަހުގެ ދުވާލު ވަގުތު ކެއުމާއި ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ގެއެއްކަމަށެވެ. ޢަދި މި ގޭގައި އެކި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ގެ ލ ފޮނަދޫ ކަައުންސިލުން ނަގާފއިވާކަމަށާއި އެ ގެ ނަގަމުން ދިޔަ ވަގުތު ފުލުހުން ސަލާމަތީ ކަަންކަން ބަލަހައްޓާ ދީފައިވާކަމަށެވެ. މި ގޭގައި ޖިނާއީ ކުށްތައް ކުރަމުން ދިޔަ އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ދާދި ފަހުން ފުލުހުން ވަނީ މާލޭގައިވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ދެ ގެއަކަށް ވަދެ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. މި ގެތަކަކީވެސް ފުލުހުންނަށް ނުވަދެވޭ ގޮތަށް ދަނގަޑު ދޮރުތައް ހަރުކޮށް އިލެކްޓްރޯނިކްސް ތަޅު ހަރުކޮށްފައިވާ ތަންތަނެވެ. ޢަދި މި ތަންތަނަކީ މަސްތުވާތަކެތި ގަންނަ ފަރާތްތަކަށް އެ ގޭގައި ތިބެގެން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަންތަންކަމަށް ފުލުހުން ބުނެއެވެ.