ސިޔާސީ

ބޭރުގެ ފަނޑިޔާރުގެ މަސައްކަތްތަކާމެދު ސުޕްރީމް ކޯޓުން ކަންބޮޑުވުން ފާޅުކުރައްވައިފި


ރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާޙުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ލަފާ ދެއްވުމަށް ރާއްޖެވަޑައިގެން އުޅުއްވާ ދެކުނު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރގެ މަސައްކަތްތަކާމެދު ސުޕްރީން ކޯޓުން ކަންބޮޑުފުން ފާޅުކުރައްވައިފިއެވެ.

އެކަން ހާމަކުރައްވައި ސުޕްރީމް ކޯޓުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެދިރާސާ ކުރެއްވުމަށްޓަކައި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ރާއްޖެ ގެންނަވައި، ކަމާގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިވަޑައިގެންނެވުމުން، އެކަން ހަމަޖައްސައިދެވާފައިވާނެކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ޙާލަތު ހުރިގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރައްވާފައިވާކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ސިޔާސީ ނުފޫޒާއި، ބިރުދެއްކުންތަކާއި، ފަނޑިޔާރުގޭގެ ޙުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓައިލައި ބަދުނާމުކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭގޮތުންވެސް ބޭރުގެ ފަނޑިޔާރަށް މަޢުލޫމާތު އަރުވާފައިވާކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް، އެއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ ޕްލޭނެއް އޮތްކަމާއި އެނޫންވެސް ގޮތްގޮތުން ބިރުދެއްކުމަށް މަސައްކަތްކުރައްވާފައިވާކަމަށް ސުޕްރީމްކޯޓުން ވަނީ ތުހުމަތުކުރައްވާފައެވެ.

ދިވެހި ދައުލަތަކީ ދުސްތޫރީ ގޮތުން ބާރުތައް ވަކިކުރެވިފައިވާ، އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު މިނިވަން ކުރެވިފައިވާ ދީމިޤްރާޠީ އަދި ޤާނޫނީ ދައުލަތެއްކަމަށާއި، ދައުލަތުގެ ކަންކަން ހިނގަންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށްކަމަށް ސުޕްރީމްކޯޓުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ޤާނޫނުއަސާސީން މިނިވަން ކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި، އެއިރަކު ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ޘަޤާފަތެއް ދިވެހިރާއްޖޭގައި އުފެދިގެން ދިޔުމަކީ، ޤާނޫނުގެ ޙުކުމް ނަގަހައްޓައި، މިނިވަންކަމާއެކު ޢަދުލުއިންޞާފު ޤާއިމުކޮށް، ދީމިޤްރާޠީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް މުޅީން ހަލާކު ވެގެން ހިނގައިދާނެ ކަމެއްކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ހުރިހާ ފަރާތްތަކަކުންވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިޙްތިރާމުކުރުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިޞްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް ސުޕްރީމް ކޯޓުން ވަނީ އިލްތިމާސްކުރައްވާފައެވެ.