ޖުޑީޝަލް ސާރވިސް ކޮމިޝަނުން ހުށައެޅި މިހާތަނަށް ނުނިމި ހުރި މައްސަލަތަކުގެ ތަފުސީލުތައް މީޑިއާ މެދުވެރިކޮށް އާއްމުކުރުމަށް ރައްޔިތުން މަޖިލީހުގައި ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުން މިއަދު ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގެ ތަފުސީލުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ އާމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ދެ މައްސަލައެއް ބަލާ ދެއްވުމަށް ޖޭއެސްސީއަށް މަޖިލީހުގެ ރައީސް ސިޓީއަކުން ދަންނަވާފައިވާކަމަށެވެ.
މިގޮތުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ފަނޑިޔާރެއްގައި މައްސަލަ ބަލާދިނުމަށް އެޖެންޑާކޮށްދެއްވުމަށް މަޖލިސްގެ ރައީސް އެދިވަޑައިގެންފައިވާކަމަށްވެސް އަމީން އާއްމު ވިދާޅުވިއެވެ. މީގެއިތުރުން ޖޭއެސްސީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް މީޑިއާ މެދުވެރިކޮށް އާއްމުކުރެއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
" ޖޭއެސްސީއަސް މިހާތަނަށް ހުށައަޅާފައިވާ މައްސަލަތަތަކުން ކޮމިޝަނުން ނިންމުމެއް ނިންމާފައި ނުވާ މައްސަލަތަކާއި އެ މައްސަލަތައް ގޮސްފައިވާ ހިސާބު އެގޭނެ ގޮތަށް އެ މައުލޫމާތުތައް މީޑިއާ މެދުވެރިކޮށް އާއްމުކުރެއްވުމަށްވެސް މަޖިލިސްގެ ރައީސް ވަނީ ޖޭއެސްސީގައި އެދިވަޑައިގެންފައި " މަޖިލީހުގެ އާމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.
މީގެއިތުރުން ޖޭއެސްސީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ހަފްތާއަކު އެއްފަހަރު އާއްމުކުރެއްވުމަށްވެސް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ޖޭއެއެސްސީން ބަލުމުން އަންނަ މައްސަލަތައް މިހާތަނަށް އާއްމުކުރަމުން އައިސްފައެއް ނުވެއެވެ. އަދި އެ ކޮމިޝަނަށް ހުށައެޅޭ މައްސަލަތައްވެސް އެ ކޮމިޝަނުން އާއްމެއް ނުކުރެއެވެ.
ޖޭއެއެސްސީން ބަލާ މައްސަލަތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލްނޫންކަމަށް ނުވަތަ އެމަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެފަނޑިޔާރު ކޮށްފައިވޭތޯ އާއި ފަނޑިޔާރެއްގެ ހުރުން ލާޒިމް ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވެފައިވޭތޯ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި ޚިލާފު ވެފައިވޭތޯ ބެލުން ހިމެނެއެވެ.
ޖޭއެސްސީގައި ރައީސް ނަޝީދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި އުއްތަމަ ފަނޑިޔާރު ފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ރައޫފް އިބްރާހީމާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވި މެމްބަރު އަލްއުސްތާޛު އަބްދުލް ޙަންނާން އަޙްމަދާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމާއި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން ވަކީލުން އިންތިޚާބު ކުރެއްވި ޤާނޫނީ ވަކީލު
އަލްއުސްތާޛާ ލަތީފާ ޤާސިމްއެވެ.