ޚަބަރު

ޕިކްނިކް އައިލެންޑްގެ ޑިޒައިން މަސައްކަތް ނިމިއްޖެ


މާލެ ސަރަޙައްދުގައި ޕިކްނިކް އައިލެންޑެއް ނުވަތަ ޢާއްމުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމަށް ބޭނުންވާ ކޮންސެޕްޓުގެ ކުރެހުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. ޕްލޭނިންގ މިނިސްޓްރީން ގެންދަނީ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންނެވެ.

މާލޭގައި ދިރިއުޅޭމީހުން ދަތުރުދިއުމަށް އެންމެ ކުރީންސުރެ ބޭނުން ކުރަމުން އައިސްފައިވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ. މި ސަރަޙައްދުގައި ޢާއްމުން ދަތުރު ދިއުމަށް ޤުދުރަތީ އިތުރު އެއްވެސް ރަށެއް ނެތެވެ. މިއީ ޢާއްމުންގެ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް މިހާތަނަށްވެސް މިކަމަށް ހައްލެއް ލިބިފައެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތީ، ދަތުރު ދިއުމަށް މާލެ ކައިރިން ރަށެށް ކަނޑައަޅައިދިނުމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ. މިވަޢުދާ އެއްގޮތަށް މާލެ ކައިރިން ދަތުރު ދިއުމަށް ކަނޑައަޅާފައިވަނީ އެނބޫދޫ ފިނޮޅުގައި ހިމެނޭ ރަށެކެވެ. އެނބޫދޫ ފިނޮޅަކީ ފަޅެއް ހިންކައިގެން އުފައްދާފައިވާ 9 ރަށެއްގެ މައްޗައް ތަރައްޤީކުރަމުން އަންނަ ރިސޯޓުތަކެކެވެ. މިތަނުގައި ހިމެނޭ 3.3 ހެކްޓަރުގެ ސަރަޙައްދެއް ޢާއްމުން ދަތުރުދާނެ ރަށެއްގެގޮތުގައި ބޭނުންކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ޕިކްނިކް އައިލެންޑްގެ ކުރެހުންތައް މިހާރު މުޅިން ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުންވަނީ ވިދާޅުވެފައެވެ. އަދި އެމިނިސްޓްރީން ގެންދަނީ ޕިކްނިކް އައިލެންޑްގެ ޢަމަލީ މަސައްކަތް ވަރަށްއަވަހަށް ފެށުމަށް ތައްޔާރުވަރުވަމުންނެވެ.

އެނބޫދޫ ފިނުޅުގައި ދަތުރު ދިއުމަށް ހަދާ ރަށަކީ ޢާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ޚިދުމަތްތަކެއް ހިމެނޭގޮތަށް ހަދާ ރަށެކެވެ. ޕިކްނިކް އައިލެންޑްގެ 200މީޓަރ ސަރަޙައްދަކީ ގޮނޑުދޮށް ސަރަޙައްދެވެ. މީއީ މޫދަށް އެރުމަށާއި، އަދި ބީޗް ކުޅިވަރުތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދެވެ.

ޕިކްނިކް އައިލެންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ޢާއިލީ ކޮޓަރިތަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް، ނަރސިންގ ރޫމް، އައި ލޮކަރސް، އިވެންޓް ސްޕޭސް އަދި ނަމާދުކޮޓަރި ހިމެނެއެވެ.

ޕިކްނިކް އައިލެންޑް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކުއެވެ. އެގޮތުން ކުޑަކުދިން ކުޅޭ ސަރަހައްދު، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދު، ބާބަކިއު ސަރަޙައްދު ހިމެނެއެވެ. މި ރަށް ތަރައްޤީކުރަނީ އެނބޫދޫ ރިސޯޓު މަޝްރޫޢުގެ މަސައްކަތް ކުރާ ތައިލެންޑްގެ ސިންހަ އިސްޓޭޓް ކުންފުންޏާ ގުޅިގެންކަމަށް ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ.

ދަތުރުދާރަށް ހިމެނޭ އެނބޫދޫ ފިނޮޅަކީ މާލެއިން 15 މިނެޓްގެ ދަތުރެއް ކޮށްފައިދެވޭހާ ކައިރިއެވެ. ސަރުކާރުން އަމާޒުކުރައްވާފައިވަނީ މިރަށުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ފެށުމަށެވެ.