ޚަބަރު

ނޭމާ އަލުން ފަރިތަކުންތަކުގައި ބައިވެރިވެއްޖެ


އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެކަމުގެ ބިރު ހީވެފައި ހުރި ނޭމާ ބްރެޒިލްގެ ފަރިތަކުރުންތަކަށް ނިކުމެއްޖެއެވެ.

ކޮޕަ އެމެރިކާއަށް ތައްޔާރުވުމަށް ބްރެޒިލް ފެށި ފަރިތަކުރުންތަކުގައި މިދިޔަ ހޯމަ ދުވަހު ނޭމާގެ ކަކުލަށް އަނިޔާވެ އޭނާވަނީ ޓްރެއިނިންގ ދޫކޮށްލާފައެވެ. ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގައި ނޭމާގެ ކަކުލަށް އަނިޔާވީ ޑިފެންޑަރ ތިއާގޯ ސިލްވާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.

މިދިޔަ ހަތަރު ދުވަހު އޭނާ ޓީމާއިއެކު ފަރިތަކޮށްފައެއްވެސް ނުވެއެވެ. ނޭމާ އެނބުރި ފަރިތަކުރުންތަކަށް ނިކުތީ ކަކުލުގެ ސްކޭންތަކެއް ހެދުމަށްފަހު އެއްވެސް ކަހަލަ ސީރިއަސް މައްސަލައެއް ނޫޅޭކަން ޔަގީންކުރުމަށްފަހުއެވެ.

2007ވަނަ އަހަރަށްފަހު ތައްޓެއް އުފުލާލުމުގެ އުއްމީދުގައި ކޮޕަ އެމެރިކާއަށް ނިކުންނަ ބްރެޒިލް ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ނޭމާއެވެ. އޭނާއަކީ ތިންވަނައަށް ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑްވެސް މެއެވެ.

އަމިއްލަ ޤައުމުގައި މިމަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ލައްވާލީ ޕެރޫ، ބޮލީވިއާ އަދި ވެނެޒުއޭލާއާއިއެކު ގްރޫޕް އޭގައެވެ. މުބާރާތަށް ތައްޔާރުވުމަށް އަންނަ ބުދަ ދުވަހު އެޓީމް ޤަތަރާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.