ޚަބަރު

ހުރިހާ ޒިންމާއެއް މެސީ ބޮލުގައި ނޭޅުވޭނެ - އަގުއޭރޯ


އާޖެންޓީނާއިން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ ހުރިހާ ޒިންމާއެއް މެސީގެ ބޮލުގައި ނޭޅުވުމަށް ފޯވާޑް ސާޖިއޯ އަގުއޭރޯ ގޮވާލައިފިއެވެ.

ކުލަބު ލެވެލްގައި ހޯދާ ކާމިޔާބީތައް ޤައުމީ ޓީމާއިއެކު ނުހޯދޭތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އާޖެންޓީނާގެ ކެޕްޓަން މެސީއަށް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން މެސީގެ ދިފާއުގައި އާޖެންޓީނާގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން އަންނަނީ އޭނާ ދިފާއުކުރަމުންނެވެ.

ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނީ މުބާރާތަކުން އެޓީމް ކަޓާ ކޮންމެ ފަހަރަކު އެންމެން އެ ޒިންމާ އަޅުވަނީ މެސީގެ ބޮލުގައިކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އާޖެންޓީނާ އަށް ކާމިޔާބު ހޯދުމުގެ ޒިންމާ ހަމައެކަނި އޮތީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނޫން ކަމަށާއި އެކަމަށް ހަމައެކަނި އޭނާ އަށް ޕްރެޝަރުކުރުމަކީ ގޯހެއް ކަމަށްވެސް އަގުއޭރޯ ބުންޏެވެ.

އަގުއޭރޯ ބުނީ މެސީ އަކީ އަބަދުވެސް ގައުމީ ޓީމަށް އިސްކަންދޭ ކުޅުންތެރިއެއް ކަމަށާއި އެކަން އާޖެންޓީނާގެ ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އަދި ކުލަބު ލެވެލްގައި މެސީ ހޯދާފައިހުރި ހުރިހާ ތަޖުރިބާއެއްގެ ބޭނުންހިފައި މެސީ ހުރީ ގައުމީ ޓީމު ގޮވައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި ކަންވެސް އަގުއޭރޯ ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މެސީ އަލުން ނިންމުން ބަދަލުކޮށް ޓީމާއި ގުޅުނީ މިދިޔަ މާޗު މަހުއެވެ. އާޖެންޓީނާގެ ޤައުމީ ޓީމް މިހާރު ތައްޔާރުވަމުންދަނީ މިމަހުގެ 14ވަނަ ދުވަހު ބްރެޒިލްގައި ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށެވެ.