ވިޔަފާރި

ފަހު ކުއާޓަރުގައި 182 ފަރާތަކުން ޖީއެސްޓީ ނުދައްކާ


މާލެ ސަރަޙައްދު ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ހުސްވި އަހަރުގެ ފަހު ކުއާޓަރގައި 182 ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާކަމަށް ދަޢުލަތުގެ ޓެކްސް އިދާރާއިން ހާމަކޮށްފިއެވެ.


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 26 ފަރާތަކާއި، ޢާއްމު ވިޔަފާރި ކުރާ 156 ފަރާތެއް ހިމެނެއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ ލިސްޓުގައިވާ ވިޔަފާރިތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރައްވާނެކަމަށް މީރާއިން ވިދާޅުވެއެވެ.

މި ވިޔަފާރިތަކުގެ ނަން ޢާއްމުކޮށްފައިމިވަނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގައި މީރާއިން ޢަމަލުކުރައްވަމުން ގެންދަވާ އުޞޫލުގެ ދަށުންނެވެ.