ޚަބަރު

އަންހެނުން ހަށިވިއްކުވަން މަޖްބޫރުކޮށް ފިލަން އުޅުނު މީހާގެ ބަންދަށް 7 ދުވަސް


އަނބިމީހާގެ ލައްވާ ގަދަކަމުން ހަށިވިއްކުވާ ޕާސްޕޯޓު ހިފައިގެން ފިލަނިކޮށް ހައްޔަރު ކުރި ބަންގްލަދޭޝް ފިރިހެން މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ފުރަން ގޮސް އެއަރޕޯޓްގައި ހުއްޓައެވެ.

ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު މައްޗަންގޯޅި ގެއެއްގައި ހަށިވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގޭ ބަލައި ފާސްކޮށް ހަށިވިއްކުމުގެ މަސައްކަތްކުރަމުންދިޔަ ބަންގަލަދޭޝް 3 ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިބެލުމުން އެއަންހެން މީހާ ލައްވާ ހަށިވިއްކުވަނީ އޭނާގެ ފިރިމީހާކަން އެނިގިފައިވާކަމަށެވެ.

މިއަންހެންމީހާގެ ހަށިގަނޑުން އަނިޔާގެ ބައެއް ނިޝާންތައް ފެންނަން ހުރިކަމަށާއި މިއަނިޔާތަކަކީ އަންހެން މީހާގެ ފިރިމީހާ ކޮށްފައިވާ އަނިޔާތަކެއްކަމަށް ފުލުހުންގެ ތަޙުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ބެލިބެލުމުން މިއަންހެންމީހާގެ ޕާސްޕޯޓު އޭނާގެ ފިރިމީހާ ހިފައިގެން ދިޔަކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އަންހެން މީހާއަށް މި މަހުގެ 23 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ސޭފް ހައުސްއެއް ހަމަޖައްސާ މިހާރު އެތަނަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިމައްސަލަގައި ފުލުހުން ހޯދަމުންދިޔަ އެ އަންހެން މިހާގެ ފިރި މިހާ މޭ މަހުގެ 25 ވަނަ ދުވަހު އަންހެން މީހާގެ ޕާސްޕޯޓް ހިފައިގެން ރާއްޖެއިން ފިލައިގެން ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހުއްޓުވާ އިމިގްރޭޝަނުންވަނީ އެމީހާ ފުލުހުންނާއި ޙަވާލުކޮށްފައެވެ.

މި ދެމަފިރިން ރާއްޖެއައިސްފައިވަނީ ފަތުރުވެރިންގެ ގޮތުގައި ޓޫރިސްޓް ވިސާގައި މިދިޔަ މަހުގެ 15 ވަނަ ދުވަހުކަމަށްވެސް ފުލުހުން ބުނެއެވެ.

ހިއުމަން ޓްރެފިކިން ގެ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަނަންނީ ތަޙުގީގުކުރަމުންނެވެ.

މިމައްސަލައިގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދަނިކޮށް ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައެވެ.