ޚަބަރު

ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފި


އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހިމާޔަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ކުރިން ކުނިގޮނޑެއްގެ ގޮތުގައި ބޭނުންކުރަމުންއައި ސަރަހައްދެއްކަމުން، ގޮނޑުދޮށް ގިރުމުގެ ސަބަބުން ކުނި މޫދަށް އެޅި، ފެން ތަޣައްޔަރުވަމުން ދިއުމާއެކު، މި މައްސަލައަށް ވަނީ އަވަސް ހައްލަކަށް ބޭނުންވެފައެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.