ޚަބަރު

ފެންބޮޑުވި ރަށްތައް އާންމު ހާލަތަކަށް، މޫސުމަށް ސަމާލުވުން މުހިންމު


ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފެންބޮޑުވި ރަށްތަކުގެ ހާލަތު އާންމު ހާލަތަކަށް މިހާރު އައިސްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ މިހާތަނަށް ތިންސަތޭކައަށްވުރެ ގެއަށް ފެން ވަދެ ގެއްލުންވިކަމުގެ ރިޕޯޓް ލިބިފައިވާކަމަށާ، ގެއްލުންވި ގެތަކުގެ އަދަދު ޔަޤީންވާނީ މިހާރު ކުރިއަށްދާ އެސެސްމަންޓް ނިމުމުން ކަމަށެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން ދިރިއުޅެން ދަތިވާވަރަށް ފެން ވަދެ ގެއްލުންވި 15 ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލު ކުރިނަމަވެސް މިހާރު އެ ގެތަކުން ފެން ހިއްކައި މީހުންނަށް ދިރިއުޅޭވޭވަރަށް ހާލަތަށް ބަދަލުވެފައިވާތީ އެގެތަކަށް އެ މީހުން ބަދަލުކޮށްފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތ، ލ، ގއ، ގދ، މ އަދި ދ އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ސިފައިންނާއި ފުލުހުން ވަނީ ފެން ހިންދުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ހަރަކާތްތެރިވެފައެވެ. ހުއްޓާ ނުލައި ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ރަށްތަކުގެ ގޭގެއަށް ފެންވަނުމުގެ އިތުރުން ނަރުދަމާގެ މައްސަލަ ދިމާވެ ނަޖިސް ލީކުވުމުގެ މައްސަލަތަކެއްވެސް ދިމާވެފައިވާކަމަށް އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވިއެވެ.

ރޭ ކުރި ވިއްސާރާގައި ލ.މާމެންދޫގައި ފެންބޮޑުވެ އިންޖީނުގެއަށް ފެން ވަނުމުގެ ސަބަބުން އެރަށުން ވަނީ ގިނަ ވަގުތުތަކެއް ވަންދެން ކަރަންޓުވެސް ކެނޑިފައެވެ. ކަރަންޓަށް ދިމާވިމައްސަލަ ޙައްލުކޮށް މާމެންދުއަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ މިއަދު ފަތިހު ފަހެއްގެ ފަހުންކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުންތައް ލިބެމުންދާ ރަށްރަށަށް ފުލުހުންނާއި ސިފައިންނާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާތައް ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ވިއްސާރަވާނެތީ މޫސުމާއި ބެހޭ އިދާރާއާއި، ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީންވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ފެންބޮޑުވެ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ގޭގެއަށް ފެން ނުވައްނާހެން ވެލި ބަސްތާ ޖެހުމާއި، ހޮނުއެޅުންފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް ބޭނުންނުކުރާ ވަގުތުތަކުގައި ކަރަންޓުގެ ވަސީލަތްތަކުން ކަރަންޓު ކަނޑާފައި ބެހެއްޓުމާއި، ވަޔާއި އެއްލާލާގޮތަށްހުރި ފުރާޅުފަދަ ތަންތަން ވާ އައްސައިގެން ހިފެހެއްޓުމާއި، އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ޤަވައިދުތަކާއި އެއްގޮތަށް ވަސީލަތްތައް ހަމަކޮށްގެން ދަތުރުކުރުމާއި، ކަނޑުގަދަނަމަ ކޮންމެހެން ކުރަންޖެހޭ ދަތުރުތައްނޫން ދަތުރުތައް ނުކުރުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.