ސިޔާސީ

މާލީ ކުށްތައް ތަހުޤީގު ކުރުމަށް އިންޑިއާގެ މާހިރުން ރާއްޖެ ފޮނުވަނީ


މާލީ ކުށްތައް ހުއްޓުވަން ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އިންޑިއާގެ ކަމާބެހޭ މާހިރުން ފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ މާލީ ކުށްތައް ތަހުގީގު ކުރުމަށް އިންޑިއާއިން ފޮނުވާ މާހިރުން ރާއްޖެ ފޮނުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އެ މުއްދަތުތަކުގެ ތެރޭގައި އެ ފަރާތްތަކުން ކުރާނެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ދެކޮޅަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިދާރާތަކާއި ގުޅިގެން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމުގެ މަސައްކަތް ކުރުން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ފޮނުވާ މާހިރުން އިންޓަޕޯލާއި ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތައް ކަނޑައަޅައިދޭނެ ކަމަށެވެ.

އިންޑިއާއިން ރާއްޖެ ފޮނުވާ މާހިރުންގެ ތެރޭގައި ހިމެނެނީ ޚިޔާނާތާއި، ކޮރަޕްޝަނާއި، ޓެކްސަށް މަކަރު ހެދުމާއި، މަނީ ލޯންޑަރިންގްއާ ގުޅޭ މައުލޫމާތުތައް އެކުލެވޭ އިމޭއިލްތަކާއި، ފޮޓޯ އަދި ލިޔެކިއުންތައް ދިރާސާ ކުރުމުގެ ގާބިލުކުރަން ހުރި ބޭފުޅުންނެވެ.

އިންޑިއާއިން މިހާރުވެސް އަންނަނީ ރާއްޖެއަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ދާއިރާތައް އަންނަނީ އިތުރު ކުރަމުންނެވެ. އަދި އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ މަހު ރާއްޖެ އަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ޚިޔާނާތާއި މަނީ ލޯންޑަރިންނާއި ގުޅުންހުރި މައްސަލަތައް ބެލުމުގެ ތަޖުރިބާކާރުން ރާއްޖެ ގެނައުމަށް ނިންމާފައި މިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް މި ސަރުކާރުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ.