ސިޔާސީ

މަޖިލީހުގެ ޤަވާއިދަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި


ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިޞްލާހު ހުށައެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

19 ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ މަޖިލީހުގެ ޤަވާއިދު އިޞްލާހު ކުރުމަށް 11 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ އެކުލަވާ އެ މަސައްކަތް އެ ކޮމެޓީއާއި ހަވާލުކޮށްފައެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށްވެސް ވަނި ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިޞްލާހު ހުށައަޅަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު އަންނަ މަހުގެ 10 ވަނަދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި އާއްމު ރައްޔިތުންގެ އިތުރުން ސޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށްވެސް މަޖިލީހުގެ ޤަވައިދަށް އިޞްލާހު ހުށައެޅޭނެކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޖިލީހުގެ ޤަވައިދަށް ގެންނަން ބޭނުންވާ އިޞްލާހުތައް މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅޭނެކަމަށާއި އީމެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected]އަށް ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޖިލީހުގެ ޤަވައިދު އިޞްލާހުކުރުމަށް އެކުލަވާލި ވަގުތީ ކޮމެޓީންވެސް ވަނީ ބައެއް ބަދަލުތައް ގެންނަން ފާސްކޮށްފައެވެ. މި ގޮތުން މަޖިލިސް ބަހުސް ވަގުތު އިތުރުކޮށް ހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ވަނީ ކޮމެޓީން ފާސްކޮށްފައެވެ.