ޚަބަރު

މިއަދުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ


މިއަދުން ފެށިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވަކި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ޤަވައިދުގައި ހިމެނޭ ބައިތަކުގެ ތެރެއިން ވަކި ސިނގިރޭޓް ވިއްކުން މަނާކަމަށް ކަނޑައަޅާފައިވާ ބަޔަށް އަމަލުކުރަން ފަށާފައިވަނީ ރޭ މެންދަމުން ފެށިގެންނެވެ.

މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހު ގެޒެޓްކޮށް މިއަދު އަމަލުކުރަން ފެށި ޤަވައިދުގައި ވާގޮތުން ރާއްޖޭގައި ވިއްކޭނީ މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮއްޓެވެ. ބިޑިނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށި ނުވަތަ ބޮނޑިއެވެ. އަދު ދުންފަތުގެ އެހެން ބާވަތްތައް ވިއްކާނަމަ ވިއްކަންޖެހޭނީ މަދުވެގެން 30 ގްރާމް ހުންނަ ބާވަތްތަކެވެ.

ފިހާރަތަކުގެ އިތުރުން ޤަވާއިދުގައިވާ ގޮތުން ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުގައި ވެސް ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެ އެވެ.

މި ޤަވައިދުގެ ދަށުން ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި، މިނިސްޓްރީ އޮފް ހެލްތުން ޢާންމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި ޞިއްޙަތުގެ އިންޒާރު ޖެހުންވެސް ލާޒިމުވާނެއެވެ. މި ބައި ތަންފީޒުކުރަން ފަށާނީ އަންނަ މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އިންޒާރުގެ ލިޔުން ނުޖަހާ ދުންފަތުގެ ބާވްތައް ވިއްކުން މުޅިން މަނާ ވާނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަދުވަހުން ފެށިގެންނެވެ.

މި ޤަވާއިދާ ހިލާފުވާ ފަރާތައް އެ ކުށްކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުން ޖުމްލަ އަދަދުގެ 10 ގުނަ ޖޫރިމަނާ ކުރެވޭނެކަމަށް ޤަވައިދުގައިވެއެވެ. އަދި ދެވަނަ ފަހަރަށް ޤަވައިދާ ހިލާފުވެއްޖެ ނަމަ އިތުރަށް 5000 ރުފިޔާ އަދި ތިންވަނަ ފަހަރަށް 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހަތަރު ވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް މި ޤަވައިދުގައިވެއެވެ.

ދުންފަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކުން އުފައްދާ ހުރިހާ ބާވަތެއް ބަންދުކުރުމަށް ބޭނުންކުރާ ޕެކެޓް، ކާޓަން، ކިޓް ނުވަތަ މިފަދަ އެހެނިހެން ތަކެތި ބާޒާރަށް ނެރެ ވިއްކަން ފެށުމުގެ ކުރިން އެ ތަކެތީގެ ސާމްޕަލް، މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

ރާޢްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަމަށްވާއިރު ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އަބާދީ ބޮޑުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދިވެހި ރާއްޖެއަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.