ވިޔަފާރި

4 އަހަރަށްފަހު އެޕަލްއިން އާ އައިޕޮޑް ނެރެނީ


4 އަހަރަށްފަހު އާ އައިޕޮޑް ޓަޗެއް ނެރުމަށް އެޕަލްއިން އިޢުލާންކޮށްފިއެވެ.

މިއީ 2015 ވަނަ އަހަރު އައިޕޮޑް ޓަޗް ނެރުމަށްފަހު އެޕަލްގެ އައިޕޮޑްގެ އުފެއްދުމަށް ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ.
އެޕަލްއިން ބުނާގޮތުން އަލަށް ނެރޭ އައިޕޮޑް ވެގެންދާނީ ކުރިން ނެރުނު އައިޕޮޑްތަކަށްވުރެ ދެ ގުނަ ހަލުވި އުފެއްދުމަކަށެވެ. އެގޮތުން އެޕަލް އައި-ފޯން ސެވަންގައި ހިމެނޭ އޭ-ޓެން ފިއުޝަން ޗިޕް އަލަށް ނެރޭ އައިޕޮޑްގައި ހިމެނޭނެއެވެ. އަދި 256 ޖީބީގެ ސްޓޯރޭޖެއްވެސް އައި-ޕޮޑްގައި ހިމެނޭނެއެވެ.

އެޕަލްއިން އާ އައިޕޮޑެއް ނެރުނަސް، ބޭރުފުށުން މި އައިޕޮޑަކީ 2015 ވަނަ އަހަރު ނެރުނު އައިޕޮޑާ އެއްގޮތް އައިޕޮޑެކެވެ. ހަމައެކަނި ބަދަލުތައް އައިސްފައިވަނީ ސޮފްޓްވެއަރއަށެވެ. ކުރީގެ އައިޕޮޑާއި އަލަށް ނެރޭ އައިޕޮޑާ ހުރި ތަފާތުތަކަށް ބަލާއިރު، އަލަށް ނެރޭ އައިޕޮޑުން ގްރޫޕް ފޭސްޓައިމް ކޯލް ކުރެވޭނެއެވެ. މީގެ އިތުރުން އޮގްމެންޓަޑް ރިއަލިޓީ އެޕްލިކޭޝަންތައްވެސް މި އައިޕޮޑަށް ސަޕޯޓްކުރާނެއެވެ. އަދި ގްރެފިކްސް 3 ގުނަ ހަލުވިވާނެއެވެ.

އަޕްޑޭޓްކުރުމަށްފަހު އަލަށް ނެރޭ އައިޕޮޑްތައް ވިއްކުމަށް ހަމަޖެހިފައިވަނީ، 32 ގީބީގެ އައިޕޮޑެއް 199 ޑޮލަރަށް، 128 ޖީބީގެ އައިޕޮޑެއް 299 ޑޮލަރަށް އަދި 256 ޖީބީގެ އައިޕޮޑެއް 399 ޑޮލަރަށެވެ.