ޚަބަރު

ކުޑަގޮޅީގެ އިހްސާސްތައް އަަދީބުގެ ޓްވީޓަކުން


ޖަލުން މިނިވަންވުމާއި އެކު ޖަލުގައި ހޭދަކުރި ދުވަސްތަކުގެ އިހްސާސްތައް ޓްވީޓަކުން އަހްމަދު އަދީބު ވިދާޅުވެ ދެއްވައިފިއެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމްތަކުން މިއަދު ވަނީ މިނިވަންވެފައެވެ. އެ ހުކުމަށްފަހު ސޫރަތުލް އަންބިޔާގެ 87 ވަނަ އާޔަތާއި އެކު އަދީބު ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެ ގިނައި ކުރި ދުއާ މާތް ﷲ އިޖާބަކޮށްދެއްވައިފިކަމަށެވެ.

އަދީީބް ވިދާޅުވީ ކުޑަ ގޮޅީގައި އެކަނި އަނދިރީގައި ބަލި ހާލުގައި އެތައް އަހަރުތަކެއް ވަންދެން އެންމެ ގިނައިން ކުރި ދުއާ އިޖާބަ ކޮށްދެއްވާ އިންސާފު ހޯއްދަވާ ދެއްވާ ސަލާމަތްކޮށްދެވީތީ މާތް ﷲ ޝުކުރުވެރިވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަދި ކުރީ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާގެ ގޮތުގައި މަސައްކަތްކުރެއްވި އަހްމަދު އަދީބު ޖަލަށްލީ ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލާ ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރެއްވި ތުހުމަތުގައެވެ. އެއަށްފަހު އެމްއެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތުތައްވެސް އަދީބުގެ މައްޗަށް އުފުލިއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި 15 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައެވެ. އަދި އެމްއެމްޕީއާރސީގެ ކޮރަޕްޝަންގެ މައްސަލާގައި އެތައް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާ އޭގެ ތެރެއިން އެ މައްސަލާގައި 8 އަހަރުގެ ޖަލު ހުކުމެއް އައެވެ. އަދި އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތައް ބަލަމުން ދަނިކޮށް ފިސްތޯލައެއް ގެންގުޅު މައްސަލައެއް ފެންމަތިވެ އެ މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް އަނެއްކާވެސް އަދީބުގެ މައްޗަށް އިއްވާފައިވެއެވެ.

މި މައްސަލަތަކުގައި ދަށު ކޯޓުން ކުރި ހުކުމްތައް ބާތިލުވުމުން އަދީބުގެ މައްޗަށް އިއްވާފައިވާ ހުރިހާ ޖަލު ހުކުމަކުން މިވަނީ މިނިވަންވެފައެވެ.