ޚަބަރު

އެސް ފޯ ހަންޑްރެޑް މަރުކާގެ ދިފާއީ ނިޒާމު، ތުރުކީވިލާތަށް ދިނުން އަވަސްކުރާނެ: ކްރެމްލިން


ރަޝިޔާގައި އުފައްދާ އެސް ފޯހަންޑްރެޑް މަރުކާގެ ދިފާއީ ނިޒާމު، ތުރުކީވިލާތަށް ދިނުން އަވަސްކުރާނެކަމަށް ރަޝިޔާއިން ބުނެފިއެވެ.

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށް އެސް ފޯހަންޑްރެޑް މަރުކާގެ ދިފާއީ ނިޒާމު ތުރުކީވިލާތާ ހަވާލުކުރަން ނިންމީ އެގައުމުގެ އެދުމުގެ މަތިންކަމަށެވެ.

އެސް ފޯހަންޑްރެޑް މަރުކާގެ ނިޒާމު، ބޭނުންކުރާނެގޮތް ދަސްކުރުމަށްޓަކައި ތުރުކީވިލާތުގެ ސިފައިންގެ ޓީމެއް ރަޝިޔާއަށް ފޮނުވާފައިވާ ކަމަށް، ތުރުކީވިލާތުގެ ދިފާއީ ވަޒީރު ޚުލޫސީ އަކާރު ބުދަދުވަހު ވިދާޅުވެފައިވެއެވެ.

އެމެރިކާއިންވަނީ އެސް ފޯހަންޑްރެޑް މަރުކާގެ ނިޒާމު ގަތުމުގެ ކަންތައް ތުރުކީވިލާތުން ހުއްޓާނުލާނަމަ އެމެރިކާގައި އުފައްދާ އެފް ތަރޓީ ފައިވް މަރުކާގެ ފައިޓަރ ޖެޓް ދުއްވުމުގެ ތަމްރީންތައް ހަދާ ތުރުކީގެ އެއާފޯސް ޕައިލެޓުން އެ ތަމްރީންތަކުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެއިތުރުން ތުރުކީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް އެމެރިކާވަނީ ދީފައެވެ. ނަމަވެސް ތުރުކީވިލާތުންވަނީ އެސް ފޯހަންޑްރެޑް މަރުކާގެ ނިޒާމު ގަތުމުގެ ކޮންޓްރަކްޓް އުވާނުލާނެކަމާއި އެކަން ކުރިޔަށްގެންދާނެކަން އެމެރިކާއަށް އަންގާފައެވެ.

އަދި ތުރުކީ އިޚްތިޔާރުކޮށްފައިވާ ގޮތް ގަދަބާރުން ބަދަލުކުރުމަށް ޓަކައި ތުރުކީއަށް ބިރުދެއްކުމުގެ ފުރްސަތު އެމެރިކާއަށް ނުދޭނެކަމަށްވެސް ތުރުކީވިލާތުން ބުނެއެވެ.