ޚަބަރު

މިޔަންމާގައި އަނެއްކާވެސް ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާކަމުގެ ތުހުމަތު ފެންމަތިވެއްޖެ


މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އަނެއްކާވެސް ފުޅާދާއިރާއެއްގައި އަނިޔާކޮށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ގެންދާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި، މިޔަންމާގެ ސިފައިން ގާނޫނުން ބޭރުގައި ރޮހިންޔާ މުސްލިމުން ހައްޔަރުކޮށް ބޭނުންވެއްޖެ ހިނދެއްގައި އެމީހުންގެ ގަޔަށް ބަޑިޖަހައި މެރުމާއި ގެއްލުވާލުމާއި ޖިސްމާނީ އަނިޔާދިނުންފަދަ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާއިރު އެކަން ހުއްޓުވާނެ ފަރާތެއް، އަދި އެޖަރީމާތައް ހިންގާ މިޔަންމާގެ އަސްކަރީ މުޖްރިމުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ފަރާތެއް ނެތްކަން ބަޔާންކޮށްފައިވެއެވެ.

އަދި މިޔަންމާ ސިފައިންނަށް ވަނީ، ރޮހިންޔާ އިންނާ ދެކޮޅަށް ނަސްލު ނައްތާލުގެ ޖަރީމާތަކާއި ގަތުލުއާންމުތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން ދީފައިކަމަށްވެސް އެމްނެސްޓީން ސިފަކޮށްފައިވެއެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ރަކާން ސްޓޭޓުގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ރޮހިންޔާއިންނާ ދެކޮޅަށް ހިންގަނީ ދެހާސް ސަތާރަ ވަނަ އަހަރުވެސް އެ ސްޓޭޓުގައި އެޖަރީމާތައް ހިންގި މިޔަންމާގެ ވެސްޓް ކޮމާންޑުގެ ސިފައިންނާއި އޮފިސަރުންކަމަށް ބުނެފައިވެއެވެ. އަދި މިޔަންމާގެ އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ސިފައިންގެ ބައެއް ޔުނިޓުތައްވެސް މިހާރު ހިންގަމުންދާ ޖަރީމާތަކުގައި ބައިވެރިވާކަމަށް އެ ރިޕޯޓުގައިވެއެވެ.