ޚަބަރު

ރައީސަށް ސައުދީން ހޫނު މަރުޙަބާ އެއް


އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. ރައީސް ޞާލިހަށް ސަޢޫދީ އަރަބިއްޔާއިން މަރުޙަބާ ވިދާޅުވެފައިވަނީ ސަޢޫދީ މިނިސްޓަރ ފޯ ރޯޔަލް ޕްރޮޓޮކޯލް އެވެ.

ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ވެރިންގެ އޯއައިސީ ސަމިޓް އޮންނާނީ ހުކުރުދުވަހުއެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރައްވާނެއެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި މުސްލިމު އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމު އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ޤައުމު ހިމެނެއެވެ. މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއް އަހަރުއެވެ.

އޯއައިސީ ސަމިޓަކީ ސަޢުދީޢަރަބިއްޔާއާއިއެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެއް ވެސް މެއެވެ. ރައީސުލްޖުމްހޫރިއްޔާ ސަޢުދީޢަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަމަހުގެ 3 ވަނަ ދުވަހުއެވެ.