އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުން އިތުރުކޮށް، ތަޖުރިބާ ޙިއްސާކުރުމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
މިނިސްޓަރ މިކަމަށް ގޮވާލެއްވީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި މިބައްދަލުވުމުގައި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސްކޮށްފައެވެ. މީގެ އިތުރުން ސަމިޓްގެ ފައިނަލް ކޮމިއުނިކޭ ކަމަށްވާ މައްކާ ޑެކްލަރޭޝަންއާއި، ސީނިއަރ އޮފިޝަލްސް މީޓީންގ ގައި މަސައްކަތް ފެށުނު ފަލަސްތީނުގެ މައްސަލައިގެ ޤަރާރުގެ ޑްރާފްޓާމެދުވެސް މަޝްވަރާކޮށްފައެވެ. މި ޤަރާރު ފާސްކުރާނީ އޯ.އައި.ސީ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިސްލާމިކް ސަމިޓް ކޮންފަރެންސްގައެވެ. ދިވެހިރާއްޖެއިން ވަނީ މައްކާ ޑެކްލަރޭޝަނާއި ފަލަސްތީން މައްސަލައިގެ ޤަރާރަށް ތާޢީދުކުރާކަން ހާމަކޮށް، ދެ ޑޮކިއުމަންޓްވެސް ހުރިހާ ޤައުމެއްގެ އިއްތިފާޤުން ފާސްކުރުމަށް ގޮވާލާފައެވެ.
އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުން އިތުރުކޮށް، ތަޖުރިބާ ޙިއްސާކުރުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނީ ޤައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަޙުމަތްތެރިކަމާއި، މަޝްވަރާކުރުމުގެ އުޞޫލަށް އިޙްތިރާމްކުރުމުގެ ސަބަބުންކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި ސުލްޙަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު އަނެއްކާވެސް ހާމަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ތަޙައްމަލުކުރަމުންދާ މުސްލިމުންނާއިއެކު ދިވެހިން ތިބިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށް ގޮވާލައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރުވެސް ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝް، އުރުދުން، އިންޑޮނީޝީއާ، ބްރޫނާއީ، އަދި މިސްރުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައި، އެޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުންތަކުގެ މައްޗަށާއި އެޤައުމުތަކާއި ގުޅިގެން ކުރެވެމުންދާ އަދި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތަކާއި ގުޅޭ ގޮތުންވެސް މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.
14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް އޮންނާނީ މެއި 31 ވަނަ ދުވަހު މައްކާގައެވެ.