ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕު ލީޑަރަކަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އިންތިޚާބުކޮށްފިއެވެ.
ޖޭޕީން ބުނީ ޕީޖީ ގްރޫޕްގެ ނާއިބު ލިޑަރަކަށް އައްޔަންކުރީ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީން ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގިނަ ދާއިރާތަކަކަށް ވާދަކުރި ނަމަވެސް ކާމިޔާބުކުރެވުނީ އެންމެ 5 ގޮނޑިއެވެ.
ޖޭޕީއަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކާމިޔާބުކުރެވިފައިވަނީ އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވި މާމިގިލި ދާއިރާގެ ގޮނޑިއާއި ނިމުނު 18 ވަނަ ރައްޔިތުން މަޖިލީހުގައިވެސް އެ ޕާޓިން ކާމިޔާބުކުރި ކެންދޫ ދާއިރާގެ ގޮނޑިއާއި ދަނގެތި ދާއިރާގެ ގޮނޑިއާއި މިހާތަނަށް އެމްޑީޕީން ކާމިޔާބުކުރަމުން އައި ތިމަރަފުށީ ދާއިރާގެ ގޮނޑީގެ އިތުރުން އިސްދޫ ދާއިރާގެ ގޮނޑިއެވެ.
ކެންދޫ ދާއިރާގެ ގޮނޑި ދިފާއުކުރައްވާ މި ފަހަރުވެސް އެ ދާއިރާ ތަމްސީލު ކުރައްވަނީ މެމްބަރު އަލީ ހުސެއިންނެވެ. ދަނގެތި ދާއިރާގެ މެމްބަރަކީ ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްއެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރުކަން މިހާތަނަށް ފުރުއްވި އެމްޑީޕީގެ މުހައްމަދު މުސްތަފާއި ވާދަކޮށް އެ ގޮނޑި މިފަހަރު ކާމިޔާބުކުރެއްވީ 18 ވަނަ މަޖިލީހުގައި ޖޭޕީގެ ޕީޖީ ލީޑަރުކަންކުރެއްވި އަބްދުﷲ ރިޔާޒުއެެވެ. ޢިސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ ހަމީދުއެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް ސުޕަރ މެޖޯރިޓީ ނަގާފައިވަނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއެވެ