ވިޔަފާރި

737 މެކްސް އަލުން އުދުހެން ފެށޭވަރުވާނީ އޮގަސްޓްމަހު - އަޔާޓާ


ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އަލުން ބޭނުންކުރަން ފެށޭވަރުވާނެކަމަށް ލަފާކުރެވެނީ އަންނަ އޮގަސްޓްމަހުގެ ތެރޭގައިކަމަށް ވައިގެ އުދުހުންތަކާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާއިން ބުނެފިއެވެ.

ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ދެ ބޯޓެއް ވެއްޓުނު ހާދިސާއަށްފަހު މިދިޔަ މާޗުމަހުން ފެށިގެން އެއަރލައިންތަކުން ވަނީ ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލާފައެވެ. އަދި މިހާތަނަށް ބެލިބެލުން މިއީ އެމަރުކައިގެ ބޯޓުތައް އުފެއްދުމުގައި ހުރި މައްސަލަތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ.

ދެކުނު ކޮރެޔާގެ ސޯލްގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އަޔާޓާގެ ޑިރެކްޓަރ ޖެނަރަލް އެލެކްސެންޑަރ ޑި ޖުނިއަކް ވިދާޅުވީ އެންމެ އަވަހަށްވެސް ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް ބޭނުންކުރަން ފެށޭވަރުވަނީ އަންނަ އޮގަސްޓްމަހުކަމަށެވެ. އަދި އެކަމުގައި ގޮތްތަކެއް ނިންމާނީ އަޔާޓާއިން ނޫންކަމަށާއި، ކަމާބެހޭ އިދާރާތަކުންކަމަށް އަޔާޓާގެ އިސްވެރިޔާ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެއަރލައިންތަކާއި، ކަމާބެހޭ އިދާރާތަކާއި މަތިންދާބޯޓު އުފައްދާ ކުންފުންޏާއެކު ސަމިޓެއް ބޭއްވުމަށް މަޝްވަރާކުރަމުންދާކަމަށް އެލެކްސެންޑަރ ވިދާޅުވިއެވެ.

އެސަމިޓުގައި ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އަލުން ބޭނުންކުރަން ފެށުމުގެ ކުރިން މަޝްވަރާކުރަންޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރާނެކަމަށް އެލެކްސެންޑަރ ވިދާޅުވިއެވެ.

ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އޮގަސްޓްމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް އަޔާޓާއިން ބުނާއިރު، އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ އިދާރާ، އެފް.އޭ.އޭއިން ބުނެފައިވަނީ އަންނަ ޖޫންމަހު އެމަރުކައިގެ ބޯޓުތައް ބޭނުންކުރަން ފެށޭވަރުވާނޭކަމަށެވެ.