ސިޔާސީ

މަޖިލީހުގެ ޤަވާއިދު އިސްލާހުކުރަން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އެއްމަސްދުވަހުގެ ތެރޭގައި އިޞްލާޙުކޮށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުގެ ޤަވާއިދު އިޞްލާޙުކުރުމަށް ވަނީ 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށައަޅުއްވާ 11 މެންބަރުން ހިމެނޭ ކޮމިޓީން މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށްވެސް ވަނީ ފާސްކުރައްވާފައެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

1 - މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
2 - ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
3 - ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު
4 - ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން
5 - ހެންވޭޜު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް
6 - އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
7 - ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
8 - މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
9 - ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
10 - ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
11 - ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ

ޤާނޫނު އަސާސީގެ 88ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި މުވައްޒަފުންގެ މުސާރަކަނޑައެޅުމާއި މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މި ކަންތައްތަކާ ގުޅޭ ޤަވާޢިދުތައް ހަދާނީ ވެސް މަޖިލީހުންކަމަށެވެ.

މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ޤަވާއިދު 1 މަސްދުވަހުގެ ތެރޭގައި އިސްލާޙުކުރައްވާނެކަމަށެވެ. އަދި ދުވަހުން ދުވަހަށް ބޭނުންވާ އިސްލާޙުތައްވެސް މަޖިލީހުން ގެންނަމުންދާނެކަމަށެވެ.

މިހާރު ޢަމަލުކުރަމުންދާ މަޖިލީހުގެ ޤަވާއިދަކީ 2010ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤަވާއިދެކެވެ. މެންބަރުން ވަނީ އެ ޤަވާއިދު އިސްލާހުކޮށް ހުރިހާ ޕާޓީއަކާއި މިނިވަން މެންބަރުންނަށް ހަމަހަމަ ފުރުޞަތު ލިބޭނެހެން ވަގުތު ހަމަޖެއްސުމަށް އިސްލާހުކުރުމަށްވެސް ގޮވާލާފައެވެ.