އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެމަޖިލީހުގައި ތަޤުރީރުކުރައްވަން ދަޢުވަތު އަރުވަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާޤުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް އިންތިޚާބުވެޑައިގަތުމަށްފަހު މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށެވެ. މި ދަތުރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 8 އަށެވެ.
މޯދީގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވަ ތަޤްރީރުކުރެއްވުމަށް ދަޢުވަތުދެއްވުމަށް މަޖިލީހަށް ފެންނަ ގޮތަކާމެދު ގޮތެއް ނިންމެވުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ރިޔާސަތުން ހުޅުވާލި ފުރުޞަތުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ވަޑައިގަތުމަކީ ރާއްޖެއަށް ޚާރިޖީ ސިޔާސަތު ހަރުދަނާވަމުން އަންނަކަން ދައްކުވައިދޭކަމެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަޤުރީރުކުރެއްވުމަކީވެސް މަޖިލީހަށް ލިބޭ ޝަރަފެއްކަމަށްވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ. މަޖިލީހުގައި މޯދީ ތަޤުރީރުކުރެއްވުމުން ކުރިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި މެދު ގެއްލިފައިވާ ތަސައްވުރު އިތުރުވެގެންދާނެކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.