ޚަބަރު

މޯދީ، މަޖިލީހަށް ވަޑައިގަތުމަށް ފެނޭތޯ ވޯޓަށް އަހަނީ


އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަޤުރީރުކުރެއްވުމުގެ ހުއްދަ ދިނުމަށް ފެނޭތޯ މާދަމާގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުން އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަފަހަރަށް މަޖިލީހުގެ ރިޔާސަތާ ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުވަނީ މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަން ޢިއުލާންކުރައްވައި މާދަމާގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއް އިންތިހާބު ކުރުންވެސް އޮންނާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމުގެ ހުއްދަ ދިނުމަށް މަޖިލީހަށް ފެނޭތޯ ވޯޓަށް އެހުން އޮންނާނެކަމަށްވެސް މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސަތާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް ނަޝީދުވަނީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަކީ އުފެއްދުންތެރި މަޖިލީހަކަށް ހެއްދެވުމަށް ހުރިހާ މެމްބަރުންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުވަނީ މަޖިލީހިގައި ހިމެނޭ އެންމެހައި ޕާޓީތަކަށް މަޖިލީހުގައި މަސައްކަތް ކުރުމާއި ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަމާއި ފުރުސަތު ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެރައްޔިތުން އިންތިޚާބުކުރި މަޖިލީހެއްކަމަށާ، މިމަޖިލީހުން އިމަގަށް މަސައްކަތް ކުރާނެކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުންނާ މުޚާޠަބުކުރައްވައި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ މިމަޖިލީހަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް މަސައްކަތްކުރައްވަން ޖެހޭނެކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެތެރެއިން 67 ވޯޓާއެކުއެވެ. ރައީސް ނަޝީދާއެކު ދެން މިމަޤާމަށް ވާދަކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމެވެ. އޭނާއަށް ލިބިވަޑައިގަތީ 17 ވޯޓެވެ.