ޚަބަރު

19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވައިކޮށްފި


19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކޮށްފިއެވެ.
މީގެ ކުޑައިރުކޮޅެއްކުރިން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 86 މެމްބަރުންވަނީ ހުވައިކޮށްފައެވެ. މެމްބަރުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ.

މިރޭ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫގެ މެމްބަރު އިބްރާހިމް ރިޒާ ހުވައި ކުރައްވާފައެއްނުވެއެވެ. މަޖިލީހުގެ އަމީން ޢާންމު އާމިނަތު ނިއުޝާ ވިދާޅުވީ ރިޒާ މިވަގުތު ހުންނެވީ އުމުރާއަކަށް ވަޑައިގެން ކަމަށާ އޭނާ އެނބުރި ވަޑައިގަތުމުން ހުވާ ކުރުމުގެ ކަންކަން މަޖިލީހުން އިންތިޒާމުކުރާނެކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 21:30ގައެވެ.

ނަވާރަ ވަނަ މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. 65 މެމްބަރުންނާއެކު މަޖިލީހުގެ ސުޕްމެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ.

މަޖިލީހުގެ މެމްބަރުންގެގޮތުގައި ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނައި ކޮންގްރެސް ޕާޓީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 5 މެމްބަރުންނާއި އެމްޑީއޭގެ 2 މެމްބަރެކެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި 7 މެމްބަރަކު 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެއެވެ.