އެންމެން ފަރުދީ ޒިންމާ އަދާކުރާނަމަ މަގުމަތީގެ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނާއިބް ރައީސް މިހެން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާޢީ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް ކައުންސިލްގެ ފަރާތުން ސިލްސިލާކޮށް ބޭއްވެވުމަށް ރާއްވަވާފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިން ފެށުމާއި ބެހޭގޮތުން ކަމާބެހޭ ކުންފުނިތަކުގެ ބޭފުޅުންނާ މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިކެމްޕޭނަށް ކުންފުނިތަކުން ފުރިހަމަ އެބާރުލުން ދެއްވަން ނިންމެވިކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އާންމުން ހޭލުންތެރިކުރުވައި، އެންމެން ފަރުދީ ޒިންމާ އަދާކުރާނަމަ މަގުމަތީގެ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސޯޝަލް ކައުންސިލާއި ކުންފުނިތަކުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި ހިނގާ އިޖުތިމާޢީ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.