ޚަބަރު

މިދިޔަ ސަރުކާރުގައި ލައިސަންސް ނެތި ރިސޯޓްތައް ހިންގި


ނިމިގެންދިޔަ ރައީސް ޔާމީނު ސަރުކާރުގައި ލައިސަންސް ނެތި ރިސޯޓް ހިންގުމުގެ ވިޔަފާރި ކުރިއަށްގެންގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު ޓޫރިޒަމް މިނިސްޓްރީގެ ކަންކަން ވަރަށްބޮޑަށް ގޯހުން ގޯހަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.
މިގޮތުން މިނިސްޓްރީން ބައްލަވަންޖެހޭ ކަންކަން ރަނގަޅަށް ބެލިފައިނުވުމުގެ ނަތީޖާއެއްގެ ގޮތުން ދާދިފަހުން ރިސޯޓް ހިންގުމަށް އަލުން ލައިސަންސްދިން ބައެއް ރިސޯޓްތަކުން 2016 ވަނަ އަހަރުންފެށިގެން ރިސޯޓްތައް ހިންގަމުން އައިސްފައިވަނީ ހުއްދަ ނެތިކަން މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަހުމަދު ސޯލިހް ވިދާޅުވީ، 2016 ވަނަ އަހަރުގެ ތެރޭގައި ލައިސަންސް ނެތި ބައެއް ރިސޯޓުތައް އޮޕަރޭޓްކުރަމުން އަންނަތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާކަމަށެވެ. މިގޮތުން މިފަދަ ބައެއް ރިސޯޓްތަކުގައި ފަތުރުވެރިން މަރުވުން ފަދަ ކަންކަންވެސް ހިނގާފައިވާކަމަށް ޑރ އަހުމަދު ސޯލިހް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން 2011 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއެއްގައި ވާގޮތުން ދައުލަތައް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރިނަމަ، އެކަމާއިމެދު ވަކިގޮތެއް ނުނިމެނީސް އެ ރިސޯޓަކަށް އެއްވެސްކަހަލަ ޚިދުމަތެއް ނުދެވޭނެއެވެ.