ޚަބަރު

ޓެކްސް ދެއްކުމަށް ރިސޯޓްތަކަށް ފުރުސަތު ދިނުމުގައި ވަކިބަޔަކަށް އިސްކަންދީފައެއް ނުވާނެ


ޓެކްސް ނުދައްކާ ރިސޯޓްތަކަށް ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމުގައި ވަކިބަޔަކަށް އިސްކަންދީފައި ނުވާނޭކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ދައުލަތަށް ޓެކްސް ދައްކަންޖެހި ނުދައްކާ ހުރި ރިސޯޓްތަކަށް ޓެކްސް ދައްކައި ނިންމުމަށް ބާރަ މަސްދުވަހުގެ މުއްދަތެއް ދީފައެވެ. މި ރިސޯޓްތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ އަލީޝިޔާމުގެ އާއިލާގެ މަސްލަހަތު ހިމެނޭ ބައެއް ރިސޯޓްތައް ހިމެނެއެވެ. މިކަމާއި ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކާއި ބައެއް މީޑިއާތަކުން ވަނީ އެކަންކަން ފާހަގަވެސްކޮށްފައެވެ.

މިކަމާއ ގުޅިގެން މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ދައުލަތައް ޓެކްސް ނުދައްކާ ރިސޯޓްތަކުން ޓެކްސް ދެއްކުމަސް އިތުރު ފުރުސަތެއް ދިނުމުގައި އެއްވެސް މީހެއްގެ އެއްވެސްކަހަލަ މަސްލަހަތަކަށް ބަލާފައި ނުވާނޭކަމަށެވެ. މިގޮތުން ރިސޯޓް ހިންގުމުގެ ހުއްދަ އަލުން ދިނުމުގައި ވަކިމީހަކަށް ވަކިގޮތެއް ހަދާފައިނުވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ރަނގަޅު ތިޔަބުނާ ތްރީއޭ ކުންފުނިން އެދުނު 10 އަހަރަށް ބަހާލައިގެން ފައިސާދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް. އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކަންޖޭ ކުންފުންނަކީވެސް ތްރީއޭ. އެކަމު އެއަށް ނޫނެކޭބުނެފައި، ކާކުހުރީ ކޮން މަޤާމަކަށް ބެލުމެއްނެތި އަޅުގަނޑުމެން މި ދިނީ އެކުންފުންޏަށްވެސް އަދި އެހެން ކުންފުނިތަކަށްވެސް ހަމަ އެއް އަހަރު" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ތްރީއޭ ކުންފުނީގެ ފިލިތެޔޮ ރިސޯޓުން އެކަނިވެސް 8 މިލިއަނަށްވުރެ ގިނަ ޑޮލަރު، ދައުލަތުގެ ބައިތުލްމާލަށް ދައްކަންޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ، ޓެކްސް ނުދައްކާ ރިސޯޓްތަކަށް އިތުރު އެއް އަހަރު ދިނުމަށްފަހު، ދީފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ނުދައްކާނަމަ ހަމަޖެހިފައިވާ އުސޫލުން އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ދީފައެވެ.