ކުޅިވަރު

ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ އަށް


ރަމަޟާން ވެޓެރެންސްކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަށަވަރުކޮށްފިއެވެ. މާޒިޔާއިން ފައިނަލްގެ ޖާގައެއް ހޯދީ އިއްޔެ ހަވީރު އީގަލްސްއާ ވާދަކުރި ދެ ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.
މެޗްގައި މާޒިޔާގެ ދެ ލަނޑުވެސް ފެނިގެންގޮސްފަ ވަނީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ވާހިދު މުހައްމަދުއެވެ. ދެވަނަ ލަނޑު އޭގެ ދެ މިނެޓްފަހުން ދެވަނަ ލަނޑެއް ކާމިޔާބުކޮށް މާޒިޔާއަށް ލީޑް ފުޅާކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހުތާރު ނަސީރުއެވެ. މެޗްގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކްލަބް އީގަލްސްގެ މުހައްމަދު ނާޒިމްއެވެ.
މާޒިޔާ ފައިނަލުން ޖާގަހޯދީ ލީގު ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
16 ޕޮއިންޓާއެކު މާޒިޔާ ތާވަލުގެ އެއްވަނައިގަ އޮތްއިރު އެންމެ ކައިރިން ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އޮތް ދިވެހިސިފައިންގެ ކްލަބާ ތިންވަނައިގަ އޮތް އޭދަފުށި ވެޓެރަންސް ފުޓުބޯޅަ ކްލަބްއަށެވެ.