ޚަބަރު

ނަސަންދުރަ އެއްބަސްވުމުގައި ހުރި ކަންކަމަށް އޭޖީގެ ލަފަޔަކަށް


ނަސަންދުރަ ޕެލަސް ހޮޓަލު ހިންގަން ބިން ކުއްޔަށް ދޫކުރި އެއްބަސްވުމާއި މެދު ގޮތެއް ނިންމަން ބަންޑާރަ ނާއިބުގެ ލަފައަކަށް ޓޫރިޒަމް މިނިސްޓްރީން އެދެފިއެވެ.

ނޫސްވެރިންގެ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ދައުލަތަށް ގެއްލުންވާ ގޮތަށް ނަސަންދުރަ ކުއްޔަށްދިން މައްސަލައަކީ އެ މިނިސްޓްރީއަށް އެންމެ ބޮޑަށް ޝަކުވާ ލިބެމުން އަންނަ އެއް މައްސަލަކަމަށެވެ.

އައު ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ނަސަންދުރައިގެ އެއްބަސްވުން މުރާޖައާކޮށް ބެލިއިރު، ނަސަންދުރަ ހިންގުމަށް ވެފައިވާ އެއްބަސްވުމުގައި ޤަބޫލުނުކުރެވޭ ކަންތައްތަކެއް ހުރިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެކަންކަން ބަލައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ބަންޑާރަ ނާއިބުގެ ލަފާ ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ނަސަންދުރަ އެންމެ ފުރަތަމަ ކުއްޔަށްދީފައިވަނީ، 2010 ވަނަ އަހަރު 8 އަހަރުގެ މުއްދަތަކަށް ގެލެކްސީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށެވެ. އެކަމަކު އޭގެފަހުން 2014 އަހަރު، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ނަސަންދުރައިގެ ލީސް ހޯލްޑް ރައިޓްސް ވަނީ، ނަސަންދުރަ ޕްލެސް އިންވެސްޓްމަންޓް (އެންޕީއެޗް) ކިޔާ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. މި ދެ ކުންފުންޏަކީވެސް ކުރީގެ ރައީސް ޔާމީނުގެ ޅިޔަން ބޭފުޅެއްކަމަށްވާ މުހައްމަދު މަނިކުގެ މަސްލަހަތު ހިމެނޭ ދެ ކުންފުންޏެވެ.

އެންޕީއެޗަށް ނަސަންދުރަ ދިނުމަށްފަހު، ސަރުކާރަށް އެއްވެސް ފީއެއް ނުދައްކައި ނަސަންދުރައިގެ ބިމުގެ އެގްރީމަންޓް ވަނީ 50 އަހަރަށް އިތުރުކޮށްފައެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވި އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުންނެވެ. މި ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ނަސަންދުރަ އާއި ގުޅުންހުރި މުއާމަލާތްތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަދި އެ އެގްރީމަންޓްގެ ސަބަބުން ދައުލަތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭގޮތަށެވެ.