ކުޅިވަރު

ނޭމާ އަތުން ބްރެޒިލްގެ ކެޕްޓަންކަން އަތުލައިފި


ބްރެޒިލްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ނޭމާ އަތުން އަތުލައިފިއެވެ.

ބްރެޒިލް ފެޑަރޭޝަނުން މިކަން އިއުލާނުކުރީ އަންނަ މަހު ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ސްކޮޑް ފައިނަލް ކުރުމަށްފަހުގައެވެ. ނޭމާގެ ބަދަލުގައި މުބާރާތުގައި ކެޕްޓަންކަން ކުރާނީ ޕީއެސްޖީގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވެސްއެވެ.

ކޯޗު ޓިޓޭ ބުނީ ނޭމާ އަތުން ކެޕްޓަންކަން ނަގަން ނިންމީ ފްރެންޗް ކަޕުގެ ފައިނަލަށް ފަހު ސަޕޯޓަރަކަށް ހަމަލާދިނުމާ ގުޅިގެންކަމަށެވެ. ޓިޓޭ ބުނީ ނޭމާ ގޯސް ހަދާފައިވާ ކަމަށާއި އިންސާނިއްޔަތުކަމުގެ ރޮނގުން ބަލާއިރު ވެސް އެއީ ގޯސް އަމަލެއް ކަމަށް. އަދި މިއީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ކޮޕަ އެމެރިކާގެ ކުރިން ބްރެޒިލް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައިވެސް ކެޕްޓަންކަން ކުރާނީ އަލްވޭސްއެވެ. މީގެ ކުރިން ޑެނީ އަލްވޭސްވަނީ ހަތަރު މެޗެއްގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅާފައެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ހިމެނެނީ ބޮލީވިއާ، ޕެރޫ އަދި ވެނެޒުއޭލާއާއިއެކު ގްރޫޕް އޭގައެވެ.