ވިޔަފާރި

ޓެކްސް ނުދައްކާ 3 ފަރާތަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި


ޓެކްސް ނުދައްކާ 3 ފަރާތަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ޖީ.އެސް.ޓީ އާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 3 ފަރާތަކީ މ. މުނިޔާމަންޒިލް، އަމީނާ އާދަމް އާއި މ.ގޯލްޑަންބޯންސް، ޢަލީ ރިޔާޒް އަދި މ.ގްރީންސައިޑް، މުޙައްމަދު ވަޙީދު އެވެ.

އަމީނާ އާދަމްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1 މިލިއަނަށްވުރެ ގިނަ ރުފިޔާ 7 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ވަނީ ޙުކުމްކޮށްފައެވެ. ޢަލީ ރިޔާޒްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ 4 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން މުޙައްމަދު ވަޙީދުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ 9 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލްކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މީރާއިން އަންނަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލްގެ ދަށުން ފިޔަވަޅު އަޅަމުންނެވެ. ފައިސާ ހޯދުމުގައާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށް މީރާއިން ބުނެއެވެ.