ޚަބަރު

ރަައީސް ނަޝީދާއި އީވާއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާށާއި ނާއިބުރައީސްކަމުގެ މަޤާމަށް ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅަން އެޕާޓީގެ އިންތިޚާބީ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅަން ފާސްކުރީ މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅެވެ. އަދި ނާއިބުރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅަން ފާސްކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަންފުޅެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެ ދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ޓްވީޓްކުރައްވާފައެވެ. އެމަނިކުފާނުގެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ރައީސް ނަޝީދާއި އީވާއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ޢަދި އެމްޑީޕީގެ ޕީޖީ ގްރޫޕަށްވެސް މަރުހަބާ ވިދާޅުވެފައެވެ. ދިވެހި ރައްޔިތުންނަށްޓަކައި އާ މަޖިލިސްއާއި އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށައަޅަން އެޕާޓީގެ އިންތިޚާބީ ޕާލިމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރުނީ ދަރުބާރުގޭގައި ބޭއްވި 19ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އެޕާޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލިސް ރައީސަކަށް ފަހުވަގުތު ރައީސަކަށް ނަޝީދުގެ ނަންފުޅު ހުށަހަޅަން ފާސްކުރިއިރު މަޖިލީހުގެ ނާއިބު ރައީސަކަށް ހުށަހަޅަން ފާސްކުރީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެނަންފުޅެވެ.

ނަޝީދާއި އީވާގެ ނަންފުޅު ހުށައެޅުމަށް ވިޕްލައިން ނެރެން ފާސްވީވެސް ބައްދަލުވުމުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުން އޮންނާނީ މާދަމާ ރޭ އޮންނަ 19ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުމުގެ ޖަލްސާއަށްފަހުއެވެ.