ޚަބަރު

އޮސްލޯގައި ބާއްވާ މަޝްވަރާތަކުގައި މުހިއްމު ދައުރެއް އަދާކުރަން ތައްޔާރުކަމަށް ރަޝިޔާއިން ބުނެފި


ވެނަޒުއޭލާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ދުރުކުރުމަށްޓަކައި ނޯވޭގެ އޮސްލޯގައި ބާއްވާ މަޝްވަރާތައް އިންތިޒާމްކުރުމުގައި ކޮންމެވެސް ދައުރެއް އަދާކުރަން ބޭނުންވާކަމަށް ރަޝިޔާއިން ބުނެފިއެވެ.

ނޯވޭގެ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ، ވެނަޒުއޭލާގެ ސަރުކާރާއި އެ ޤައުމުގެ އިދިކޮޅު ފަރާތްތަކާ ދެމެދު ބޭއްވި ފުރަތަމަ ވާހަކަތަކަށްފަހު މަޝްވަރާ ވާހަކަތަކުގެ އިތުރު ބުރަކަށް ދެ ފަރާތުންވެސް އަނެއްކާ އޮސްލޯގައި ބައްދަލުކުރާނެކަމަށެވެ. އަދި މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ އެ ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ އަދި އިޖްތިމާޢީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުން ކަމަށްވެސް ނޯވޭގެ ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި ރަޝިޔާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ވެނަޒުއޭލާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވާހަކަތައް ކުރިއަށްދާތީ ރަޝިޔާއިން އެކަމާ އުފާކުރާ ކަމަށާއި، މިއީ ރަޝިޔާއިން މަރުޚަބާކިޔާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ދެ ފަރާތުން އެއްބަސްވާނަމަ ރަޝިޔާއިން އޮތީ، ފުޅާ ދާއިރާއެއްގައި ބިނާކުރަނިވި ދައުރެއް އަދާކުރަން ތައްޔާރަށް ކަމަށްވެސް ރަޝިޔާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ދެމެދު މަޝްވަރާތައް ކުރިއަށްގެންދިޔަ ނަމަވެސް ބޭރުގެ އެއްވެސް ފަރާތަކުން ވެނަޒުއޭލާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާ ޝަރުތުތައް ކުރިމަތިކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް، ރަޝިޔާގެ ބަޔާނުގައި ބުނެފައިވެއެވެ.