މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތ. އަތޮޅަށް މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން އެ އަތޮޅު ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:00 ފެށިގެން މެދުނުކެނޑި ވާރޭވެހި ކޮޅުމަޑުލު ވޭމަންޑޫ އާއި ތިމަރަފުއްޓާއި ކިނބިދޫ އާއި އޮމަދޫއާއި ގުރައިދޫގައިވެސް ފެން ބޮޑުވެފައިވާކަމަށެވެ.
އަދި މި ރަށުގައި ފެން ބޮޑުވެގެން އެކަން ކައުންސިލުތަކުން ރިޕޯޓްކޮށްފައިވާކަމަށާއި ގޭގެއަށް ފެންނަ ވަނަ ނުދިނުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށެވެ. އަދި ފެން ބޭރުކުރުމަށް ކޯރު ކެނޑުމުގެ މަސައްކަތްތާއި ގޭގޭގައި ވެލި ބަސްތާތައް ޖެއްސުމުގެ މަސައްކަތްކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއި އެކު ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ. ވާރޭވެހި ފެންބޮޑުވެ ދިމާވެދާނެ ކާރިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާމަަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ ވިދާޅުވެފައެވެ.