މިދިޔަ މަހުގެ އެކާވީސް ވަނަ ދުވަހުގެ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ މީހުން މުސްލިމުންނަށް ދިން ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމުގައި ފުލުހުން ނާކާމިޔާބުވެފައިވާކަމަށް އެ ޤައުމުގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަންގެ ވެރިޔާ ޗަންދަނާ ވިކުރަމަރަތުނަ ވިދާޅުވީ ހަރުކަށި ފަރާތްތަކުން މުސްލިމުންނަށް ދިން ހަމަލާތައް އެ ވަގުތުން އެ ވަގުތަށްވެސް ހުއްޓުވުނީސްކަމަށެވެ.
ހަރުކަށި މީހުން މުސްލިމުންނާއި އެމީހުންގެ ގެދޮރާއި ފިހާރަތަކާއި މުދަލަށް ހަމަލާދީ ލާއިންސާނީ ޖަރީމާތައް ހިންގީ ފުލުހުންގެ ކުރިމަތީގައި ކަމަށާއި، އެހެންނަމަވެސް އެކަން ހުއްޓުވައި މުސްލިމުންނާއި އެމީހުންގެ ގެދޮރާއި މުދައު ހިމާޔަތް ކުރުމުގައި ފުލުހުންނަށް ކުރެވުނު ކަމެއްނެތްކަމަށް ވިކުރަމަރަތުނަ ވިދާޅުވިއެވެ.
އަދި މުސްލިމުންނަށް ހަމަލާތައް އަމާޒުވީ ހައްޔަރުކޮށްފައިތިބި ގިނައަދަދެއްގެ ކުށްވެރިންތަކެއް މިނިވަންކުރުމާ ގުޅިގެން ކަމަށްވެސް ވިކުރަމަރަތުނަ ތުހުމަތުކުރެއްވިއެވެ.
ސޯޝަލް މީޑިޔާގައި ހިނގި ޒުވާބަކާ ގުޅިގެން ސްރީލަންކާގެ ބުޑިސްޓުންގެ ހަރުކަށި ބަޔަކު މުސްލިމުންނަށް އަމާޒުކޮށް މީގެ ދެ ހަފްތާކުރިން ދިން ހަމަލާތަކުގައި އެކަކު މަރުވެފައިވާއިރު އެތައް ސަތޭކަ މުސްލިމުންވަނީ ޒަޚަމްވެފައެވެ.
އަދި މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް މިސްކިތްތައް ތަޅައި ފިހާރަތަކާއި ކާރުޚާނާތައް އަންދާލާފައިވާއިރު ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ މީގެ ހައަހަރުކުރިން ޖަލަށްލާފައިވާ ބުޑިސްޓުންގެ ހަރުކަށި ހާމުދުރެއްކަމަށްވާ ގަލަގޮޑާ އައްޓެ ނާނަސާރާ އަށް މައާފުދެއްވައި އޭނާ މިނިވަން ކުރައްވާފައެވެ.