އިންޑިޔާގައި ބޭއްވި އާންމު އިންތިޚާބަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ފާހަގަކޮށްލެވޭ އިންތިޚާބެކެވެ. އެގޮތުން މިފަހަރުގެ ޢާއްމު އިންތިޚާބުގައި އެގައުމުގެ ގިނަ އަދަދެއްގެ އަންހެން ކެނޑިޑޭޓުން ވަނީ، ލޮކް ސަބްހާގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
އިންޑިޔާގައި ޝާއިއުކޮށްފައިވާ މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އަންހެން ކެންޑިޑޭޓުންގެ ތެރެއިން ހަތްދިހަ އަށް ބޭފުޅަކުވަނީ އެބޭފުޅުން ވާދަކުރެއްވި ގޮނޑި ފަސޭހަ ކަމާއެކު ކާމިޔާބު ކުރައްވާފައެވެ.
މިއީ އިންޑިޔާގެ ތާރީޚުގައިވެސް މިހާގިނަ އަދަދަކަށް އަންހެން ކެންޑިޑޭޓުން އިންތިހާބުވި ފުރަތަމަ ފަހަރު ކަމަށާއި މިއީ މިހާތަނަށް ބަލާއިރު ރެކޯޑް އަދަދެއް ކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިޔާގެ ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ލޮކް ސަބްހާގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ފައްސަތޭކަ ސާޅީސް ދެ ގޮނޑީގެ ތެރެއިން ތިންސަތޭކަ ތިން ގޮނޑި ކާމިޔާބުކޮށްގެން ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ސުޕާ މެޖޯރިޓީ ހޯދާފައިވާއިރު ގޮނޑި ކާމިޔާބުކުރި އަންހެން ކެންޑިޑޭޓުންގެ ތެރޭގައިވެސް ގިނައީ ބީޖޭޕީ ގެ މެންބަރުންނެވެ.
މިގޮތުން ބީޖޭޕީން ކާމިޔާބު ކުރި ތިންސަތޭކަ ތިން ގޮނޑީގެ ތެރެއިން ސާޅީސް އެއް ގޮނޑި ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންނެވެ.
މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި މަޝްހޫރު އަންހެން ކެންޑިޑޭޓުންގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގަންދީގެ މަންމަ ސޯނިއާ ގާންދީ އާއި ބީޕޭޖީ ކެންޑިޑޭޓް އަދި ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ހިމެނިވަޑައިގަންނަވައެވެ.