ޚަބަރު

އޯއައިސީގެ 14ވަނަ ސަމިޓުގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެ


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ 14ވަނަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިމަހުގެ 31ވަނަ ދުވަހު ބާއްވާ މިސަމިޓުގައި ރައީސުލްޖޫމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ބައްދަލުވުމުގައި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އިސްލާމީ ޤައުމުތަކުގެ ވެރިން އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަދި ޚާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި އޯއައިސީގެ ޤައުމުތަކުން ނަގާ ސްޓޭންޑާމެދު މަޝްވަރާކޮށް އެމައްސަލަ ޙައްލުކުރުމަށް ކުރެވޭނެކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކާ މެދުވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެކި ޤައުމުތަކުގައި ތިބި ބައިމަދު މުސްލިމުންގެ ޖަމާޢަތަތްކަށްހުރި ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ..

މީގެ އިތުރުން މި ބައްދަލުވުމުގައި އިލްސާމީ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކަށް އަލިއަޅުވާލައި އެކުލަވާލާ މައްކާ މުޢާހަދާ ނެރުމަށް ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ. އަދި އިސްލާމްދީނާއި ގުޅޭގޮތުން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަށް ކުރެވިދާނެކަންކަމަށްވެސް މި ސަމިޓުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ.

އޯއައިސީގެ 14ވަނަ ސަމިޓުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި އިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިންގ ސެކެޓްރީ ޢަބްދުލްޤަފޫރު މުޙައްމަދު މިހާރު ވަނީ ސަޢޫދި ޢަރަބިޔާއަށް ފުރާވަޑައިގަންނަވާފައެވެ.

ފޮރިންގ ސެކެޓްރީ ބައިވެރިވެވަޑައިގަންނަވާ މިބައްދަލުވުމަކީ މިމަހުގެ 31ވަނަ ދުވަހު ބާއްވާ އޯއައިސީގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ސީނިއަރ އޮފިޝަލުންގެ ޚާއްސަ ބައްދަލުވުމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.