ޚަބަރު

ދަނޑުވެރިކަމަށް އަނެއްކާވެސް އައު ލޯނުތަކެއް


ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން "ދަނޑުވެރި ނަފާ" ނަމުގައި އައު ލޯނު ސްކީމެއް ތައާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރއިން ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން ތައާރަފްކުރި މި ލޯނު ސްކީމް، ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާކަމަށެވެ. މި ލޯނު ސްކީމްގެ ދަށުން 75،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާ އާއި ހަމަޔަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން ޒަމާނީ ދަނޑުވެރިކަން ކުރުމަށާއި، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރަސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ، ކުދި ޖަނަވާރު ގެންގުޅުމާއި، ވެލިއުއެޑިޝަން އަދި ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަމިއްލަ ފަރުދަކަށް ނަމަ:

އެންމެ ގިނަވެގެން : 500،000 ރުފިޔާ
އިންޓްރެސްޓް ރޭޓް: %6
ޕްރޮސެސިންގ ފީ: %1
އަމިއްލައަށް ކުރަންޖެހޭ ހަރަދު: ނަގާ ލޯނުގެ %10
ގްރޭސް ޕީރިއަޑް: 6 މަސްދުވަސް
އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު: 5 އަހަރު

ކޯޕަރޭޓިވްސް ނުވަތަ ކުންފުންޏަކަށް ނަމަ:

އެންމެ ގިނަވެގެން : 2،000،000 ރުފިޔާ
އިންޓްރެސްޓް ރޭޓް: %6
ޕްރޮސެސިންގ ފީ: %1
އަމިއްލައަށް ކުރަންޖެހޭ ހަރަދު: ނަގާ ލޯނުގެ %15 (500،000 ރުފިޔާއަށް ވުރެ އިތުރުނަމަ)
ގްރޭސް ޕީރިއަޑް: 1 އަހަރު
އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު: 7 އަހަރު

ލޯނުގެ މަޤްސަދު

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރ އިން ވިދާޅުވީ، ނަފާ ލޯނު ޕްރޮގްރާމުގެ މަޤްސަދަކީ ދަނޑުވެރިކަމަކީ އިޤްތިޞާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުންކަމަށެވެ.
ލޯނު ޕްރޮގްރާމާއި ގުޅޭ ފޯމާއި އެނޫންވެސް މައުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރ އިން ލިބެން ހުންނާނެއެވެ. ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެސްޑީއެފްސީންނެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް ލޯނު ޕްރޮގްރާމްތައް ހިންގުމަކީ ސަރުކާރުގެ ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ސިޔާސަތެކެވެ.