ޚަބަރު

ބާސެލޯނާ ބަލިކޮށް ވެލެންސިއާ ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްފި


ފަސް އަހަރުގެ ތެރޭގައި ހަތަރުވަނަ ފަހަރަށް ސްޕެއިން ލަލީގާ އާއެކު ކޮޕަ ޑެލްރޭވެސް ކާމިޔާބުކުރަން ނިކުތް ބާސެލޯނާ ރޮއްވާލާ ވެލެންސީ ތައްޓަކާއެކު ސީޒަން ނިންމާލައިފިއެއްވެ.

މިރޭ ކުޅުނު ކޮޕަ ޑެލް ރޭ ފައިނަލް ވެލެންސިއާ ކާމިޔާބުކުރީ ބާސެލޯނާގެ މައްޗަށް ދޭއް އެކަކުން ކުރި ހޯދައިގެންނެވެ. މިމެޗުގައި ފުރަތަމަ ލީޑް ނެގީވެސް ވެލެންސިއާއެވެ. މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ފޯވާޑް ރޮޑްރިގޯއަށް ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް ރޮޑްރިގޯ ބާސެލޯނާގެ ގޯލްކީޕަރު ކެސްޕަރ ސިޔެސަން ކައިރިން ނައްޓާލުމަށްފަހު ހުސްގޯލަކަށް ފޮނުވާލި ބޯޅަ ގޯލް ލައިން މަތިން ދިފާއުކުރީ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ.

އޭގެ މާގިނަ އިރުތަކެއް ނުވަނީސް ވެލެންސިއާގެ ފްރާންސް ފޯވާޑް ކެވިން ގެމޭރޯ ވަނީ ބާސެލޯނާގެ ގޯލް ފޫއަޅުވާލާ ވެލެންސިއާއަށް ލީޑް ނަގައިދީފައެވެ. އަދި ވެލެންސިއާގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް ރޮޑްރިގޯއެވެ.

ގިނައިން ބޯޅަ ހިފަހައްޓަައިގެން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ބާސެލޯނާއެވެ. އެހެންނަމަވެސް މެޗުގައި ބާސެލޯނާއަށް ގޯލު ޖަހާނެ މާރަނގަޅު ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ. ބާސެލޯނާއިން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ދާދިފަހުން އެންމެ ގިނަ ގޯލް ޖަހައިގެން ޔޫރަޕިއަން ގޯލްޑަން ޝޫ ކާމިޔާބުކުރި ކެޕްޓަން ލައެނަލް މެސީއެވެ.

މިރޭގެ މެޗަށް ބާސެލޯނާއިން ނިކުތީ އަނިޔާގައި ހުރި ފޯވާޑް ލުއިސް ސުއަރޭޒް އަދި ގޯލްކީޕަރު މަރކް އަދްރޭ ޓަރ ސެޓެގަންގެއިތުރުން ފްރާންސް ފޯވާޑް އުސްމާނޭ ޑެމްބޭލޭ ނުލައެވެ.

އެހެންނަމަވެސް މެސީއަށްވެސް ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކުރެވޭގޮތް ނުވެފައެވެ. އަދި އިތުރު ލަނޑުތައް ޖެހުމުގެ ފުރުސަތުވެސް ލިބުނީ ވެލެންސިއާއަށެވެ.