ކުޅިވަރު

ރަޝިޔާގައި ބޭއްވި ވަރލްޑްކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވަރލްޑްކަޕް - އިންފަންޓީނޯ


2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވަރލްޑްކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވަރލްޑްކަޕްކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯ ވިދާޅުވެއްޖެއެވެ.

އިންފަންތީނޯ މިހެން ވިދާޅުވީ، ރަޝިޔާގެ މޮސްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަރލްޑްކަޕް ބޭއްވުމުގައި ވެދެއްވި އެހީތެރިކަމަށާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ގެ ފަރާތްޕުޅުން އޯޑަރ އޮފް ފްރެންޑްޝިޕްގެ މެޑަލް ވެސް ފީފާގެ ރައީސަށް އަރުވާފައިވެއެވެ.

މެޑަލް ލިބިވަޑައިގަތުމަށްފަހު އިންފަންތީނޯ ވިދާޅުވީ، ފީފާއާއި ރަޝިޔާއާ މެދު އޮންނަ ގާތްކަމާއި ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މެޑަލް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.

އަދި ރަޝިޔާގައި ބޭއްވި ވަރލްޑްކަޕަކީ އެންމެ ފުރިހަމަ ވަރލްޑްކަޕްކަމަށާއި އެކަމަށް ރަޝިޔާގެ ރައީސަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި ރަހުމަތްތެރިކަން އިތުރަށް ވަރުގަދަކޮށް ގުޅުންބަދަހި ކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ފީފާގެ ރައީސް ވިދާޅުވިއެވެ.