ޚަބަރު

ރާއްޖެއަށް ފޮނުވަން އުޅުނު 14 ކިލޯގެ ޑްރަގްސް އިންޑިއާއިން އަތުލައިގެންފި


ރާއްޖެއަށް ފޮނުވަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ފުލުހުން އަތުލައިގެންފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެއަށް ބޭރުކުރަން އުޅުނު 14 ކިލޯގެ މަސްތުވާތަކެތި އަތުލުގައިގެންފައިވަނީ އިންޑިއާގެ ޓްރިވެންޑަރުމުންނެވެ. ވެހިކަލެއްގައި މަސްތުވާތަކެތި އުފުލަނިކޮށް ފުލުހުން ވަނީ އެ ވެހިކަލް ހުއްޓުވާ އޭގެ ތެރޭގައި ތިބި ތިން މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ ރައްޔިތުންނެވެ.

ފުލުހުން އަތުލައިގެން މަސްތުވާތަކެތީގެ އަގު އިންޑިއަން ރުޕީސް 120 މިލިއަން ( ގާތްގަޑަކަށް 26.7 މިލިއަން ރުފިޔާއަށް ) އަރާކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަތުލައިގަތް މަސްތުވާތަކެއްޗަކީ ރާއްޖެ އާއި ސްރީލަންކާއަށް އެތެރުކުރަން އުޅުނު މަސްތުވާތަކެތިކަމަށްވެސް އިންޑިއާގެ ފުލުހުންނާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި 11.5 ކިލޯގެ ހަޝިސް އޮއިލާއި 2.5 ކިލޯގެ ގަންޖާވެސް ހިމެނޭކަމަށްވެސް އިންޑިޔާގެ ނޫސްތަކުގައިވެއެވެ.

މި މައްސަލާގައި އެއްވެސް ދިވެއްސަކު ޝަމިލްވާކަމެއްއަދި އެނގިފައެއް ނުވެއެވެ.