ފ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް "ޔެލޯ" އެލަރޓް ނެރެފިއެވެ.
މިއެލަރޓާއެކު މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. މި އެލަރޓް ނެރެފައިވަނީ މިރޭ 22:30 އިން ފެށިގެން 1:30 ގެ ނިޔަލަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ސާޅީސް މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިން އިލްތިމާސްކޮށްފައެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި ސަތާރަ މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ސާޅީސް މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ކުރިއަށް އޮތް 2 ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހުޅަނގު މޫސުމުގެ ވާރޭ މި އަހަރު ރާއްޖެ އަށް ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި މި އަހަރު ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައި މިވަނީ އެހެން އަހަރުތަކަށްވުރެ ފަހުންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.