ޚަބަރު

ޠޫމް ރެސްޓޯރަންޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ޠޫމް ރެސްޓޯރަންޓުގައި އަލިފާނުގެ ޙާދިސާއެއް މިރޭ ހިނގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގޮތުގައި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ޠޫމް ރެސްޓޯރަންޓް ބަދިގޭގައި، ގޭސްފުޅިއެއް ކައިރީގައިހުރި ޑަސްބިނެއްގައި ރޯވެގެންނެވެ. ޑަސްބިނުގައި ރޯވެފައިވަނީ ގޭސް ލީކުވެ، ހުޅު ފަޅައިގެން ގޮސްގެންނެވެ. ފުލުުހުން ވިދާޅުވީ، މި ހާދިސާ ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ 22:20 ހާއިރުކަމަށެވެ. އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުމާއިއެކު، ފުލުހުން ވަނީ ވަގުތުން އެތަނަށްގޮސް ރޯވި އަލިފާން ގަނޑު ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިމާރާތައް ގެއްލުން ވެފައެއް ނުވެއެވެ. ނަމަވެސް ބަދިގޭގައި އެވަގުތު ބޭނުންކުރަމުންދިޔަ އުނދުނަށާއި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.

" ކުއްލިއަކަށް ބާރު އަޑެއް އިވިގެން ފިހާރައިގައި ހުރެފައި އަހަރެންވެސް ނިކުތީ. ނިކުތްއިރު ބަދިގޭގައި މަސައްކަތްކުރާ މީހަކު ހުރި އުދުޅިއެއް ހިފައިގެން މަޖީދީމަގު ރެސްޓޯރަންޓް ކުރިމަތީގައި. ހާދިސާ ހިނގުމާއިއެކު ރެސްޓޯރަންޓްގައި ތިބި ކަސްޓަމަރުންނާއި އެންމެން ވަގުތުން އެތަނުން ނިކުތް މަންޒަރު ފެނުނު. ގޭސްފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ގޮވުމާއިއެކުހެން އެވަގުތު ބަދިގޭ އުނދުންމަތީގައި ހުރި ތެޔޮ ތާސްވެސް މައްޗަށްއެރިކަމަށް ބަދިގޭގައި އެވަގުތުހުރި މީހަކު ބުނި" ޠޫމް ރެސްޓޯރެންޓް ކައިރީ ހުންނަ ޔޫރޯ ސްޓޯރު ފިހާރައިގައި އެވަގުތު ހުރި މީހަކު ބުންޏެވެ.

ޠޫމް ރެސްޓޯރެންޓަކީ އަރަބި ކެއުންތަކަށް ދިވެހިންގެ ތެރޭގައި މަޤްބޫލް ރެސްޓޯރެންޓެކެވެ. އަލިފާނުގެ ޙާދިސާއާއި ގުޅިގެން ޠޫމް ރެސްޓޯރެންޓްވަނީ މިރޭ ވަގުތީގޮތުން ބަންދުކޮށްފައެވެ.