ޚަބަރު

ގަވައިދާ ހިލާފަށް ވެލި ނަގާ ބަރުކޮށްގެންދިޔަ ބޯޓެއް ފުލުހުން އަތުލައިގެންފި


ގަވައިދާ ހިލާފަށް ވެލި ނަގާ ބަރުކޮށްގެންދިޔަ ބޯޓެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ލ ހިތަދޫ ކައިރިން ބޯޓެއް ފެނިގެން ރިޕޯޓްކުރުމުން އެ ބޯޓަށް ފުލުހުންނާއި ސިފައިން އަރާ ބަލާ ފާސްކޮށްފައިވާކަމަށެވެ. މި ބޯޓްގައި ތިބީ ބިދޭސީ ފަޅުވެރިންކަމަށާއި ސުވާލުކުރުމުން މީ ބްރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމަށް އެމިީހުން ބުނެފައިވާކަމަށެވެ. ޢެހެންނަމަވެސް ބޯޓުގައި ރެޖިސްޓްރޭޝަން ނަމްބަރެއް އަދި ދިދައެއް ވެސް ނެތްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މި ބޯޓަކީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ބޯޓެއްކަމަށާއި ބޯޓު ލ.ތޮޅުގައި މަޑުކުރަން ޖެހުނީ ވިއްސާރަވެ ކަނޑުގަދަވުމާއި ގުޅިގެންކަމަށެވެ.

ބޯޓު ބަލާ ފާސްކުރިއިރު ބޯޓަށް ގިނަ އަދަދަކަށް ވެލި އަޅާ ބަރާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޢަދި މި ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރުމަށް އަޅާފައިވާ ވެލިތަކެއްކަމަށް ބޯޓުގައި މަސައްކަތްކުރާ މީހުން ބުނެފައިވާކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ވެލި ނަގަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ހުއްދަ ދިންކަން އެނގޭ އެއްވެސް ލިޔުމެއް ބޯޓުގައި ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މާލެ ސަރަހައްދުން ވެލިހިފާގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަދެއްގައި ހުރި ވެއްޔަކީ ގާނޫނާއި އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.