ޚަބަރު

ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ - މިނިސްޓަރ ޝިދާތާ


އެކި ހާލަތްތަކުގައި ޖިންސީ ގޮތުންނާއި، ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށްޓަކައި ބޭނުންވާ ސިޔާސަތުތައް ނެގެއްހެއްޓުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނޯވޭގެ އޮސްލޯގައި ކުރިއަށްދާ " "އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ދެއްވި ސްޓޭޓްމަންޓްގައި މިނިސްޓަރ ވިދާޅުވީ ޖިއޮގްރަފީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތަކީ ގުދުރަތީ ކާރިސާތަކަށް ރާއްޖެ ވަރަށް ބޮޑަށް ހުށައެޅޭ ކަމެއްކަމަށެވެ. އެގޮތުން 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން އިޖްތިމާޢީ ގިނަ މައްސަލަތައް ފެންމަތިވި ކަމަށެވެ. ޚާއްސަކޮށް މި ހާދިސާގައި ގިނަ އަންހެނުންނާއި ކުޑަކުދިން މަރުވެ، ޖިސްމާނީ އަދި ޖިންސީ އަނިޔާތަކަށްވެސް ހުށައެޅުނުކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ޙާލަތްތަކުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި ގެވެށި އަނިޔާއާއި އެކި ބާވަތުގެ އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ވަގުތީ ހިޔާ ތަކާއި މަރުކަޒުތަކުގައި ރައްކާތެރިކަން ފޯރުކޮށްދީ، ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްއަކީ ވަކި ޖިންސަކަށްވީތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތު ނައްތާލުމާއި، ހަމަނުޖެހުމާއި އިންސާނީ ކާރިސާތަކުގެ ޙާލަތުގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީޙުންނަށް އެހީދިނުމުގައި އޮންނަ ފަރަގު ނައްތާލެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ކޮންފަރެންސްގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަފީރުންނާއި ޤައުމުތަކުގެ އިސް މަންދޫބުން ބައިވެރިވެފައިވެއެވެ.