ޚަބަރު

ރޯދަމަހުގެ ފުރަތަމަ 15 ދުވަހު ކުށުގެ އެކިބާވަތުގެ 1841 މައްސަލަ ހުށަހަޅައިފި


ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހުގެ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ރާއްޖެއިން އެއް ހާސް އަށް ސަތޭކަ ސާޅިސް އެއް މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. މީގެތެރެއިން އަށް ސަތޭކަ އޮނަތިރީސް މައްސަލައަކީ ހަމައެކަނި މާލެއިން ރިޕޯޓުކޮށްފައިވާ މައްސަލަތައްކަމަށް ފުލުހުން ވިދާޅުވެއެވެ.

ރަމަޟާން މަހު ކުށް މަދުކުރުމަށްޓަކައި ފުލުހުންވަނީ ރަމަޟާންމަސް ފެށުމުގެ ކުރިން މިކަމަށް ސާމުލުވުމަށް ޢާއްމުންނަށްވެސް އިލްތިމާސްކުރައްވާފައެވެ. އެހެންނަމަވެސް ރަމަޟާން މަސް ދެބައިވީ އިރު އެކިބަވަތުގެ ކުށުގެ، 829 މައްސަލަ މާލެއިންވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މީގެތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. އެއީ 223 މައްސަލައެވެ. އެއަށްފަހު އެންމެ ގިނަ މައްސަލަތަކުގެ ގޮތުގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. އެއީ 129 މައްސަލައެވެ. ތިންވަނައަށް އެންމެ ގިނައިން ހުށައަޅާފައިވަނީ މަގުމަތީގެ އެކި އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެއީ 116 މައްސަލައެވެ.

ފުލުހުންނަށް ހުށަހެޅި އެކި މައްސަލަތަކާގުޅިގެން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފުލުހުންގެ ބެލުމުގެދަށަށް 216 ފަރާތެއް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މީގެތެރޭގައި އެންމެ ގިނަމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. އެއީ 98 މީހުންނެވެ. އެއަށްފަހު އެންމެ ގިނައިން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އެއީ 58 މީހުންނެވެ. އަދި މާރާމާރީގެ 28 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު މިމައްސަލަތަކާއި ގުޅިގެން 11 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މާލެއާއި އަޅާބަލާއިރު އަތޮޅުތެރެއިން ރިޕޯޓުކުރި މައްސަލަތައް އެވްރެޖުކޮށް މަދުނަމަވެސް އަތޮޅުތަކުންވަނީ އެއް ހާސް ބާރަ މައްސަލަ ރިޕޯޓުކޮށްފައެވެ. އަދި އެކި މައްސަލަތަކުގައި 179 މީހަކުވަނީ ހައްޔަރުކޮށްފައެވެ. އަތޮޅުތަކުންވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. އެއީ ވައްކަމުގެ 200 މައްސަލައެވެ. ވައްކަމުގެ މައްސަލަތަކުގައިވަނީ 32 މީހަކު ހައްޔަރުކޮށްފައެވެ. އަތޮޅުތަކުން މަސްތުވާތަކެތީގެ 198 މައްސަލަ ހުށަހަޅާފައިވާއިރު 71 މީހަކު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ. އަތޮޅުތަކުގައި މާރާމާރީގެ 117 މައްސަލަ ރިޕޯޓުކޮށްފައިވާއިރު މާރާމާރީއާ ގުޅިގެން 13 މީހަކުވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެހެންމަސް މަހާއަޅާ ބަލާއިރު ރަމަޟާންމަހު ކުށްކުރުން އިތުރުވެއެވެ. އޭގެ ސަބަބުތަކެއްކަމަށް ބެލެވެނީ ޢާއްމުމަސްމަހާ ޚިލާފަށް މީހުން ނިދާ ވަގުތުތަކާއި އޮފީސްތައް ހުޅުވާގަޑިތަކަށް އަންނަ ބަދަލުތައްކަމަށް ފުލުހުން ލަފާކުރެއެވެ.

ރަމަޟާން މަހު ކުށްމަދުކުކުރުމަށް ފުލުހުން އަންނަނީ ރަމަޟާން މަސްފެށުމުގެ ކުރީއްސުރެ އެކި އޮޕަރޭޝަންތައް ހިނގަމުންނެވެ. އަދި ކުށްކުރާ މީހުންނާމެދު ސަމާލުވުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ. އެގޮތުން ބޭރަށް ދިޔުމުގައްޔާއި ނިދަންދާއިރު ދޮރުފަދަ ތަންތަން ތަޅުލެވިފައި ހުރިތޯ ޔަގީންކުރުމާއި އަގުބޮޑެތި ތަކެއްޗަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.