ޚަބަރު

ފަހު ދިހައެއްގެ ބަރަކާތާއި ދަރުމަ ލިބިގަތުމަށް އަވަސްވެގަންނަމާ


ޙާލަތާއި ސިއްޙަތު ތަންދިން އެންމެ މަތީ ދަރަޖަަކަށް ރޯދަމަހުގެ ފަހު ދިހައެއްގައި އަޅުކަމުގައި ހޭދަކޮށް މިރޭތަކުގެ ބަރަކާތާއި ދަރުމަށް ލިބިގަތުމަށް ހީވާގިވެ މަސައްކަތްކުރުމަށް މިއަދު ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. މިއަދު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ދިން ޚުޠުބާ ހާއްސަކޮށްފައިވަނީ ރަމަޟާންމަހުގެ ފަހު ދިިހައެއްގެ މާތްކަމުގެ މައްޗަށެވެ.

ވޭތިކުރަމުން މިގެންދަނީ ބަރަކާތްތެރި މަޣްފިރަތުން ފުރިގެންވާ ރަމަޟާންމަހުގެ ރޭތައްކަމުން މި މައްސަރުގެ ސަވާބާއި ދަރުމަޔަށް އެންމެ ދަހިވެތިވާންވީ ވަގުތުކުރިޔަށް އޮތީކަން ފާހަގަކޮށް މިރޭތަކުގެ ބަރަކާތާއި ދަރުމަ ލިބިގަތުމަށް ޚުޠުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.

މި ރަމަޟާންމަސް އައުމުގެ ކުރިން މި ދުނިޔެއާއި އަލްވަދާޢުކީ މީހުންގެ ތެރޭގައި ނުހިމެނި ހެޔޮ ސިއްޙަތާއި ޢާފިޔަތުގައި މި މައްސަރާއި ބައްދަލުވުމަކީ ކުޑަކަމެއް ނޫންކަމަށާއި އެކަމަށް ޝުކުރުވެރިވާ ޙާލު މި މައްސަރުގައި ކުރާ ހެޔޮ އަމަލުގެ ސަބަަބުން ސުވަރުގެ ލިބޭ މީހުން ތެރެއިން ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. ފަހު ދިހައެއްގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދްރުވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރޭ އަޅުކަމުގެ ދެމި ތިބި ކޮންމެ ބަޔަކަށް ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާކުރައްވާއިރު އެ މާތް ނަސީބު ލިބިގަތުމަށް އަވަސްވެގަތުމަށްވެސް ޚުޠުބާގައިވަނީ ގޮވާލާފައެވެ.

" އެއްހާސް މައްސަރަކީ ގާތްގަޑަކށް އަށްޑިހަ ތިން އަހަރު. އަޅުގަޑުމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު ކޮންމެ ުދވަހަކު ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯ؟ އަޅުގަޑުމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ނަމަވެސް އެ މުއްދަތުގެ މަދު އިންސައްތައެއް މެނުވީ އަޅުގަޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެ. އެހެންކަމުން ލައިލަތުލް ޤަދްރުވިލޭރެ އަކީ ރަޙްމާންވަތަން ﷲ ދެއްވާ ދެއްވުންތަަކުގެ ތެރެއިން އަޅުގަޑުމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެކެވެ." ޚުޠުބާގައިވެއެވެ.

ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ފޮނި އުއްމީދުތަކެއް ކުރަމުން ދާއިރު، އެ އަހަރު ދުނިޔެ ދޫކުރަންޖެހުމަކީ ވެސް އެކަށީގެންވާކަމެއްކަމަށާއި އެހެންކަމުން މި ފަނާވަނިވި ދުނިޔޭގެ އަރާމާއި ލައްޛަތަށް ވުރެ އާޚިރަތް އިސްކުރަމަތްވެސް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

" ލައިލަތުލް ޤަދްރިވިލޭރޭ، ﷲހުރިހާ ނިޔާއެއް އިޢުލާން ކުރައްވާ ހިނދު، އެ އިލާހު ރުއްސަވާ ހެޔޮ ޢަމަލެއްގައި ވުމަށް މަސައްކަތް ކުރަމާތޯއެވެ! އެރޭ ﷲއަށް މުނާޖާ ދަންނަވައި ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާކުރުމުގައި ތިބޭ މީހުންގެ ތެރެއިން ވަމާތޯއެވެ! އެރޭގެ ދުޢާގެ ސަބަބުން ޢުމުރު ދިގުވެ، ރޯދި ބަރަކާތުގެ ދޮރުތައް އެބަޔަކަށް ހުޅުވޭ މީހުންގެ ތެރެއިން ވުމަށް ގަދަ އަޅައި މަސައްކަތް ކުރަމާތޯއެވެ! " ޚުޠުބާގައިވެއެވެ.

އެންމެ އެދެވޭ ގޮތުގައި ރަމަޟާންމަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށްވެސް ފަހު ދިހައަކީ ރަނުގެ ފުރުސަތެއްކަން ފާހަގަކުރަމުން ފަހު ދިހައިގައި ހެޔޮ ޢަމަލު ގިނަކޮށް ލައިލަތުލް ޤަދްރުވިލޭރެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބެވެ. އަދި އެރޭ ﷲ އެއްކައުވަންތަ ކުރާ ޙާލު އެއިލާހުގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަންކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ﷺ ދެއްވާފައިވާކަން ހަދުމަކޮށްދީ ލައިލަތުލް ޤަދްރުވިލޭރޭ ލިބިގަތުމަށް މަސައްކަތްކުރުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

" މުސްލިމް އަޚުންނޭވެ! ފަހު ދިހައިގައި ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ! ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރުމަށްފަހު، ރަވާތިބު ސުންނަތްތައް ވެސް އަދާކުރެވޭތޯ ބަލާށެވެ! ޟުޙާ ނަމާދާއި ތަރާވީޙު ނަމާދުގެ އިތުރުން ދަމުނަމާދާއި ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! އަދި ޤުރުއާން ކިޔެވުން ގިނަ ކުރުމާއި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާ މެދު ފިކުރު ހިންގޭތޯ ބަލާށެވެ! ހުރިހާ ވަގުތެއްގައި ޛިކުރުކުރުމާއި ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތް ކުރުމަށް ސަމާލުވާށެވެ! ފަހު ދިހައިގައި އިޢުތިކާފަށް އިނުމާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވާށެވެ! " ޚުޠުބާގައިވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތރޭތަކުގައި އިޢުތިކާފަށް އިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އިޢުތިކާފަށް އިންނަ މީހާ ބޭކާރު ކަންތައްތަކާއި ވާހަތަކުން ދުރުހެލިވެ ﷲއަށް އަޅުކަންކުރުމާއި ޛިކުރު ކުރުމުގައި ވަގުތުތައް ހޭދަކުރަމަށްވެސް ޚުޠުބާގައި ވަނީ ހަދާން އާކޮށްދީފައެވެ. އަދި މިސްިތުގައި އިޢުތިކާފަށް ހޭދަކުރާވަގުތަކުގައި މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގެ ހުރުމަތަށް ބެލުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.