ޚަބަރު

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ މޫސުމަށް ސަމާލުވޭ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 40 މޭލަށް ވާއިގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއިބެހޭ ޤަޢުމީ އިދާރާ، މެޓް އޮފީހުން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހުޅަނގު މޫސުމުގެ ވާރޭ މި އަހަރު ރާއްޖެ އަށް ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު. އަދި މި އަހަރު ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައި މިވަނީ އެހެން އަހަރުތަކަށްވުރެ ފަހުންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.