ޚަބަރު

އެމްއެމްއައި މަދަހަ ވޯކްޝޮޕް - ކުޑަކުދިންގެ ހުނަރުތައް އާލާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް


99ދަރިވަރުންނާއި އެކު މޯލްޑިވްސް މީޑިއާ އިންސްޓިއުޓުން ކުރިއަށްގެންދިޔަ، "މަދަހަ ލަރނިންގ އެންޑް ރިސައިޓަލް ވޯރކްޝޮޕް" ނިންމާލައިފިއެވެ. މި ވޯކްޝޮޕަކީ ރަމަޞާންމަހަށް ޚާއްސަކޮށްގެން އެމްއެމްއައިއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އަންނަނީ ކުޑަކުދިންނަށް ޢަމާޒުކޮށްގެން ތަފާތު ކޯސްތައް ހިންގަމުންނެވެ. އެގޮތުން މި ރަމަޞާން މަހަށް ޚާއްސަކޮށްގެން އެމްއެމްއައިން ހިންގި މަދަހަ ވޯކްޝޮޕްގައި 6 އަހަރާއި 18އަހަރާއި ދެމެދުގެ 99 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. 10 ކުދިންގެ 4 ބެޗައް ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، ކޯހުގައި ބައިވެރިވުމަށް ކުދިން އެދުނު މިންވަރު އިތުރުވުމުގެ ސަބަބުން އެމްއެމްއައިއިންވަނީ، 10 ބެޗަކަށް ވޯކްޝޮޕް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 10 ބެޗުން ޖުމްލަ 99 ދަރިވަރުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.

އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާޙް ވިދާޅުވީ ފަންނުތައް ދިރުވައި އާލާ ކުރުމުގައި އެންމެ މުހިންމީ ކުދިން ޅައިރުގައި މިފަދަ ކަންކަމަށް ޝަޢުގު އެފެއްދުމަށްކަމަށެވެ. އަދި އެމްއެމްއައިއިން އަބަދުވެސް މަސައްކަތް ކުރަނީ ހުނަރުވެރި ކުދިންތަކެއް މުޖުތަމަޢުއަށް ނެރުމަށްކަމަށް ޖިނާޙް ވިދާޅުވިއެވެ. މި ކޯހުގައި މަދަހަ ކިޔަން ދަސްކޮށްދިނުމާއި، ކުދިންނާއި ގުޅޭ މަދަހަތައް ދެނެގަންނާނި ގޮތާއި، ހުށައެޅުމުގެ ހުނަރުތައްވެސް ވަނީ ދަރިވަރުންނަށް ދަސްކޮށްދީފައެވެ.

އަޑު:"ވޯކްޝޮޕްގައި ބައިވެރިވި ކުދިންގެ މަދަހަތަކުގެ ރިކޯޑިންގްތަކެއްވެސް ވަނީ ހަދާފައި. މިހާރު ޕީއެސްއެމްގެ މުންނާރު ޓީވީއިން މި ކުދިންގެ މަދަހަތައް ދައްކަމުން ދަނީ. ބޭނުންވަނީ މި ކުދިންގެ ހުނަރު ގިނަ މީހުންނަށް ފެނާނެ ގޮތް ހެދުން." ޖިނާހު ވިދާޅުވިއެވެ.

ވޯކްޝޮޕް ނިންމައި ބައިވެރިވި ދަރިވަރުންނާއި ސެޓްފިކެޓް ހަވާލުކޮށްދެވީ، ޙަފްލާގެ ޝަރަފްވެރި މެހުމާން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ އައިޝަތު ޚަލީލާ އަބްދުއްސައްތާރެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވައި ވަހަކަދައްކަވަމުން އައިޝަތު ޚަލީލާ އަބްދުއް ސައްތާރު ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން ކުދިންގެ ހުރި ހުނަރުތައް ވަރަށް ބޮޑަށް ދެނެގަނެވޭކަމަށެވެ. އަދި ކުދިންގެ މިފަދަ ހުނަރުތައް ދެނެގަނެ، އެ ކުދިންނަށް އުނގެނުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބެލެނިވެރިން އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

"މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންނަށް ރީތި އަޙްލާގްތައް ދަސްވޭ. އެގޮތުން ރީތިކޮށް ބަހުރުވަ ބޭނުންކުރުމާއި، ދިރިއުޅުން ބައްޓަންކުރަންވީ ރީތި ސިފަތަކާއި އަޙްލާގް އިނގޭ." އައިޝަތު ޚަލީލާ އަބްދުއް ސައްތާރު ވިދާލުވިއެވެ.